މި އިވެންޓް ބޭއްވުމުގެ މަގުސަދަކީ ޖިއޮގްރަފިކަލް ހުރަސް ތަކެއް ނެތި ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ދިވެހިންނަށް ކާމިޔާބު ވިޔަފާރިތައް ބިނާކުރެވޭނެކަން ދައްކައިދިނުމެވެ.
ރާއްޖޭގެ ސްޓާޓްއަޕް އިކޯސިސްޓަމް ބިނާކުރުމުގައި ފާހަގަކޮށްލެވޭ 'ސްޕާކްހަބް' އިން ބޭއްވި ފުރަތަމަ ބައިނަލްއަޤްވާމީ އިވެންޓް "ހަޑްލް މެލޭޝިއާ" ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މި އިވެންޓަކީ މެލޭޝިއާގައި ވިޔަފާރި ކުރިއަރުވަމުންދާ ދިވެހި ފައުންޑަރުންނާއި ޕްރޮފެޝަނަލުން އެއްތަނަކަށް ޖަމާވެ، އެފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމަށް ބޭއްވުނު ހާއްސަ ހަރަކާތެކެވެ.
މި އިވެންޓް ބޭއްވުމުގެ މަގުސަދަކީ ޖިއޮގްރަފިކަލް ހުރަސް ތަކެއް ނެތި ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ދިވެހިންނަށް ކާމިޔާބު ވިޔަފާރިތައް ބިނާކުރެވޭނެކަން ދައްކައިދިނުމެވެ. މި ސެޝަންގައި ޓެކްނޮލޮޖީ، އޭއައި، އެޕް ޑިވެލޮޕްމަންޓް އަދި ކޮފީ ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ހަތަރު ދިވެހި ފައުންޑަރުން ކަމަށްވާ މުޙައްމަދު ފައުޒާން، މާއިލް، ޝާފިޢު އަދި އަފްރާޙް ވަނީ އެ ބޭފުޅުންގެ ކާމިޔާބީގެ ދަތުރު ހިއްސާކޮށްފަ އެވެ. މި އިވެންޓުގައި މެލޭޝިއާގައި ދިރިއުޅޭ 50 އަށްވުރެ ގިނަ ދިވެހިން މި ހަރަކާތުގައި ބައިވެރިވި އެވެ.
ސްޕާކްހަބްގެ އައު މިސްރާބު - ސްޕާކްހަބްގެ ސީއީއޯ ޙުސައިން ޖިނާން ވިދާޅުވި ގޮތުގައި، 2026 ވަނަ އަހަރަކީ އެ އޯގަނައިޒޭޝަނުން ބޯޑަރުތަކުން ބޭރަށް ނުކުމެ، ބައިނަލްއަޤްވާމީ ދިވެހި ސްޓާޓްއަޕް ނެޓްވޯކެއް ބިނާކުރަން ފަށާނެ އަހަރެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހޯދި ތަޖުރިބާތައް ދުނިޔޭގެ ފެންވަރަށް ފުޅާކުރުމުގެ ފުރަތަމަ ފިޔަވަޅެވެ. މި އިވެންޓްގެ ކޮފީ ޕާޓްނަރަކީ މެލޭޝިއާގައި ވިޔަފާރި ފުޅާކޮށްފައިވާ ދިވެހި ބްރޭންޑެއް ކަމަށްވާ "ފެމިލީ ރޫމް ކޮފީ" އެވެ.