އިގްތިސޯަދަށް އެންމެ ބޮޑު ހިއްސާއެއް ކުރީ ޓޫރިޒަމް ސިނާއަތެވެ. ޓޫރިޒަމް ސިނާއަތުން ޖީޑީޕީ ހުރީ 5.7 ޕަސެންޓުގެ އިތުރުވުމެއްގަ އެވެ.

ރާއްޖޭގެ އިގްތިސޯދީ ދުވެލި މިދިޔަ އަހަރު ބާރުވެ، ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ 100 ބިލއަން ރުފިޔާއަށްވުރެ މައްޗަށް އުފުލިފައިވާ ކަމަށް ދައްކައިފި އެވެ.
މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ރިއަލް ޖީޑީޕީ (މާކެޓް ޕްރައިސްގައި) 105.7 ބިލިއަން ރުފިޔާގަ އެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 6.5 ޕަސެންޓުގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރަށް ބަލާއިރު ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއް ވަނީ ފަތުރުވެރިކަމާއި އެއާ ގުޅުންހުރި ސިނާޢަތްތަކުންނެވެ. މިގޮތުން ފަތުރުވެރިކަން 2025 ވަނަ އަހަރު ފަތުރުވެރިކަމުގެ ސިނާޢަތުން ޖީޑީޕީއަށް 23,830.4 ބިލިއަން ރުފިޔާ ހިއްސާކޮށްފައިވެ އެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 5.7 ޕަސެންޓުގެ ކުރިއެރުމެކެވެ. މީގެ އިތުރުން ޓޫރިޒަމް ސިނާއަތާ އެންމެ ގުޅުން ބޮޑު ދަތުރުފަތުރާއި މުވާސާލުގެ ދާއިރާއިން ވެސް ވަނީ ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފަ އެވެ. އަދި ޢިމާރާތްކުރުމުފެ ދާއިރާއިން ވެސް ވަނީ 2024 އާ އަޅާބަލާއިރު ކުރިއަރާފައެވެ. އަދި މަސްވެރިކަމުގެ ސިނާއަތުން ޖީޑީޕީއަށް 3,466.1 ބިލިއަން ރުފިޔާގެ ހިއްސާއެއް ކުރި އެވެ. މިއީ 2024 ވަނަ އަހަރު ހުރި 3,365.2 ބިލއަން ރުފިޔާއާ އަޅާބަލާއިރު ތިން ޕަސެންޓުގެ އިތުރުވުމެކެވެ.
އެމްއެމްއޭއިން ވަނީ މި އަހަރު ރާއްޖޭގެ ޖީޑީޕީ 112,514.3 ބިލިއަން ރުފިޔާއަށް އުފުލި 6.4 ޕަސެންޓުގެ ކުރިއެރުމެއް ހޯދާނެ ކަމަށް އަންދާޒާކޮށްފަ އެވެ.