ފައިބަރުގެ މަސައްކަތް ފަޅުތެރޭގައި ކުރުމަކީ ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމެކެވެ. ހާއްސަކޮށް ފައިބަރު ކުނޑިތައް ކަނޑަށް އެޅުމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ގެއްލުންވުމުގެ އިތުރުން، ފަޅުތެރެ ބޭނުންކުރަން ދަތިވެ އެވެ.

ހުޅުމާލޭ ފަޅުތެރޭގައި ފައިބަރުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ބުނެފި އެެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީ އިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުފަހަރުގައާއި ފަޅުގެ އެކި ސަރަޙައްދުތަކުގައި ހުއްދަ ނެތި ފައިބަރުގެ މަސައްކަތް ކުރަމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި ކަމާ ގުޅިގެން އެޗްޑީސީ އިން ވަނީ މިފަދަ މަސައްކަތް ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
މަނާކުރަންޖެހުނު ސަބަބު - ފައިބަރުގެ މަސައްކަތް ފަޅުތެރޭގައި ކުރުމަކީ ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމެކެވެ. ހާއްސަކޮށް ފައިބަރު ކުނޑިތައް ކަނޑަށް އެޅުމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ގެއްލުންވުމުގެ އިތުރުން، ފަޅުތެރެ ބޭނުންކުރާ އެހެން ފަރާތްތަކަށްވެސް އޭގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވެ އެވެ.
އެޗްޑީސީ އިން ބުނި ގޮތުގައި މި އިޢުލާނަށް އަމަލުކުރަން ފަށާނީ އާދިއްތަ ދުވަހުގެ ރޭގަނޑު 12:00 އިން ފެށިގެންނެވެ. އެ ތާރީހުން ފެށިގެން ހުއްދަ ނެތި ފައިބަރުގެ މަސައްކަތް ކުރާ ފަރާތްތަކާމެދު އުސޫލުގެ ދަށުން ފިޔަވަޅު އަޅަމުންދާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ އިންޒާރު ދީފަ އެވެ.
އެޗްޑީސީ އިން އިތުރަށް ބުނެފައިވަނީ، ހުޅުމާލެއަކީ ތަރުތީބުވެފައިވާ އަދި ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.