މި ފައިނޭންސިންގެ ދަށުން 100،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެ އެވެ. މިފައިނެނޭންސިންގ އަކީ ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓު ކަމުގައިވާ އަހަރަކަށް %2.5 ރޭޓުން ދޫކުރެވޭ ފައިނޭންސިން އެކެވެ.

މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނިޝިއޭޓިވް (މިސްފީ) ގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރާ ފުރަތަމަ ޕްރޮޑަކްޓް "އިސްލާމިކް މައިކްރޯ ފައިނޭންސިން" އަށް އެޕްލިކޭޝަން ހުށަހެޅުމަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް މިއަދު ހުޅުވާލައިފި އެވެ.
މި ފައިނޭންސިންގެ ދަށުން 100،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެ އެވެ. މިފައިނެނޭންސިންގ އަކީ ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓު ކަމުގައިވާ އަހަރަކަށް %2.5 ރޭޓުން ދޫކުރެވޭ ފައިނޭންސިން އެކެވެ.
ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 10 އަހަރާ ހަމައަށް އަނބުރާ ދެއްކުމުގެ މުއްދަތު ދިނުމަށްވަނީ ހަމަޖެހިފަ އެވެ. މި މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެ އެވެ. މި ފައިނޭންސިން އަށް އެޕްލިކޭޝަން ފީ އެއް ނުވަތަ ޕްރޮސެސް ކުރުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ.
އިސްލާމިކް މައިކްރޯ ފައިނޭންސިންއަކީ ބޭންކިންގ ނިޒާމުގެ ތެރެއިން މާލީ އެހީތެރިކަން ހޯދުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށާއި، އަލަށް ވިޔަފާރީގެ މައިދާނަށް ނުކުންނަ ފަރާތްތަކަށް އަމާޒުކޮށްފައިވާ ފައިނޭންސިން އެކެވެ. އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ދޫކުރާ މި ފައިނޭންސިން އަކީ، މީގެ ކުރިން އެއްވެސް ބޭންކަކުން ނުވަތަ މާލީ އިދާރާއަކުން މާލީ އެހީތެރިކަން ލިބިފައި ނުވާ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުވާ ފުރުސަތެކެވެ. މި ފައިނޭންސިން ސަބަބުން އާންމު ފަރުދުންނާއި މާލީ ދާއިރާއާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، ބޭންކިންގ ނިޒާމުގެ ތެރެއިން މާލީ ހިދުމަތްތައް ހޯދުމުގައި ހުރި ހުރަސްތައް ނައްތާލުމަށް އެހީތެރިވެދޭނެއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ އިސްލާމިކް ސޯޝަލް ފައިނޭންސިންގެ ޒަރީއާއިން އަޅުގަނޑުމެންގެ އަމާޒަކީ ބޭންކުތަކުން ފައިނޭންސިންގ ހޯދުމަށް ޝަރުތު ހަމަނުވާ ފަރާތްތަކަށްވެސް ފުރުސަތުތައް ފަހިކޮށްދީ، ހުރިހާ އެންމެން ބައިވެރިވާ މާލީ ނިޒާމެއް ބައްޓަންކުރުމެވެ.
"މިފަދަ މަގުތައް ފަހިވުމުން އެ ފަރާތްތަކުގެ ގާބިލުކަން ދައްކުވައިދިނުމަށް ފުރުސަތު ލިބި، ކުރިމަގުގައި އެފަރާތްތަކުގެ ވިޔަފާރިއަށް ކުރިއެރުން ލިބޭނެ ކަމަށް ބެލެވޭ. މި ފައިނޭންސިންގެ ސަބަބުން އަލަށް ފަށާ ވިޔަފާރިތައް އިތުރުވެ، އަދި މިހާރުވެސް ގޭތެރޭގައާއި އަމިއްލައަށް ހިންގާ ކުދި ވިޔަފާރިތަކަށް ރަސްމީ ހައިސިއްޔަތެއް ލިބި، ހަރުދަނާކަމާއެކު ކުރިއަށް ދިއުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ،" ބަދުރު ވިދާޅުވި އެވެ.
މި ފައިނޭންސިންގނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާފަ އެވެ.