މިއަދު ފަރަށް އަރާފައިވަނީ އެމްޓީސީސީގެ ފެރީއެވެ. އޭގައި ތިބީ ވ. އަތޮޅާއި މާފުށި އަދި ކ.އަތޮޅުގެ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރަން ދިޔަ ޓޫރިސްޓުންނެވެ. މި މީހުން މާފުއްޓަށް ބޭލިނަމަވެސް އެމްޓީސީސީއިން އެއްވެސް އެހީތެރިކަމެއް ނުދެ އެވެ.

މާލެއިން ފުރައިން ޓޫރިސްޓުންނާއެކު ދަތުރު ކުރަމުން ދަނިކޮށް މިއަދު ފަރަށް އެރި ފެރީގައި ތިބި ޓޫރިސްޓުންނަށް އެ ކުންފުނިން އެއްވެސް އެހީތެރިކަމެއް ދީފައިނުވާ ކަމަށް ބުނެފި އެވެ.
ގިނަ އަދަދެއްގެ ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި އެމްޓީސީސީ ފެރީ ފަރަށް އެރީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އެ ހާދިސާ ހިނގިއިރު އެ ދޯނީގައި 72 މީހަކު ތިއްބެވެ. މި މީހުންނަކީ ވ. އަތޮޅާއި މާފުށި އަދި މާލެ އަތޮޅުގެ އެކި ރަށްތަކަށް ދިޔަ ޓޫރިސްޓުންނެވެ. މީގެތެރޭގައި 67 ޓޫރިސްޓަކާއި ތިން ދިވެއްސަކާއި ބިދޭސީ ދެ ފަޅުވެރިއަކު ހިމެނެ އެވެ. މެރިން ފުލުހުން ވަނީ އެނބޫދޫ ފަރަށް އެރި ދޯނީގައި ތިބި މީހުން ސަލާމަތްކޮށްފަ އެވެ.
މި ފެރީގައި ތިބި ޓޫރިސްޓުންގެ ތެރެއިން 63 މީހުން ބާލާފައިވަނީ މާފުއްޓަށެވެ. އެ ރަށުން މިއަދު ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ފެރީން އެ ރަށަށް ގެނައި ޓޫރިސްޓުންނަށް އެއްވެސް ފަރާތްކުން އަޅާލުން ދީފައިނުވެ އެވެ. އަދި ހާއްސަކޮށް މި ޓޫރިސްޓުން ދަތުރުކުރި ފެރި ދުއްވި އެމްޓީސީސީގެ ފަރާތުން އެއްވެސް އެހީތެރިކަމެއް މި މީހުންނަށް ލިބިފައި ނެތްކަން މާފުށިން ވާހަކަ ދެއްކި މީހަކު ކިޔައި ދިނެވެ.

"މިއަދު ހެނދުނުން ފެށިގެން ހަވީރުވެ ރޭގަނޑު ވަންދެން ވެސް އެމީހުންގެ ގިނަ ބަޔަކު ރަށުތެރޭގައި އުޅުނީ. ވަންނާނެ ތަނެއް ނުދައްކާ. މީގެތެރޭގައި ކުޑަކުދިން ވެސް ހިމެނޭ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ކިޔައި ދިނެވެ.
މާފުށީގައި ޓްރާންސްޕޯޓުގެ ހިދުމަތްދޭ ސަން ރައިޒް ގެސްޓްހައުސްގެ ވެރިޔާ ޢާދިލް މުޙައްމަދު މިރޭ ވިދާޅުވި ގޮތުގައި އެމްޓީސީސީ އާއި ފުލުހުންގެ ފަރާތުން ވެސް އެއްވެސް އެހީތެރިކަމެއް ޓޫރިސްޓުނަށް ލިބިފައެއް ނުވެ އެވެ. އަދި އެމީހުންގެ ލަގެޖުވެސް ހުރީ ދޯނީގައި ފަރުމަތީގައި ކަމަށާ، އެ ލަޖެގު ބާލާނެ ގަޑިއެއްގެ އިންތިޒާރުގައި ޓޫރިސްޓުން މާފުށީ ބަނދަރުމަތީ ގިނަ އިރުތަކެއްވަންދެން އެ މީހުން ތިބިކަން އާދިލް ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ޓޫރިސްޓުންގެ ތެރޭން 17 މީހަކު އަމިއްލައަށް ލޯންޗެއް ނަގައިގެން މިއަދު ހަވީރު ވަނީ ވ. އަތޮޅަށް ގޮސްފަ އެވެ.
"މީގައި އެންމެ ހިތްދަތިކަމަކީ ކުޑަކުދިންވެސް ތިބުން. މިރަށް ވެސް މި އޮތީ ފުލްކޮށް.. އެކަމަކު އަޅުގަނޑުވެސް ބައެއް ގެސްޓުން ގެންގޮސްފިން ގެސްޓްހައުސް އަށް އަމިއްލަ ގޮތުން އެހީތެރިވާން. އަޅުގަނޑު ބުނެފަ އޮންނާނެ ޖާގަ އޮތީ ގެސްޓްހައުސް ސިޓިން ރޫމްގައޭ އެތަނުގަ ގޮދަޑި އަޅާފަ ތިބެވޭ ގޮތް ހަދާފަ އޮންނާނީ. އެ މީހުންގެ ހުރިހާ އެއްޗެއް ހުރީ ތެމިފަ. އަތުގަ ހުރި ފައިސާ ވެސް ހުރީ ތެމިފަ،" އާދިލް ވިދާޅުވި އެވެ.
އެމްޓީސީސީ ފެރީއިން ދަތުރު ކުރި މީހުންގެ ތެރޭގައި ރަޝިއާ އާއި ޗައިނާ އަދި ތައިލެންޑަށް ނިސްބަތްވާ ގިނަ ބަޔަކު ހިމެނެ އެވެ. މި މައްސަލާގައި އެމްޓީސީސީގެ ފަރާތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި އެ ކުންފުންޏަށް މައުލޫމާތެއް ސާފު ކުރަން ގުޅުމުންވެސް ފޯނަށް ޖަވާބު ދީފައެއް ނުވެ އެވެ.