ގޭންގެއް ކަމަށް ކަނޑައަޅަން ޕީޖީއިން ފުރަތަމަ ފަހަރަށް ކޯޓަށް

އެހެންކަމުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، "ސްކޫޕް"، "ސްކޫޕް ކަންމަތި" ނުވަތަ "SKP” ގުރޫޕަކީ "ގޭންގް"އެއް ކަމަށް ކަނޑައަޅައިދިނުމަށް ހައިކޯޓުގައި ވަނީ އެދިފަ އެވެ.

ފުލުހުން މީގެ ކުރިން ހާއްސަ އޮޕަރޭޝަނެއް ހިންގަނީ --

އައްޑޫސިޓީ ހިތަދޫގައި ހަރަކާތްތެރިވާ "ސްކޫޕް" ނަަމަކަށް ކިޔާ ގުރޫޕަކީ އިންތިޒާމްވެފައިވާ ކުށްކުރާ ގުރޫޕެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އެދިއްޖެ އެވެ.

މިއީ އިންތިޒާމްވެގެން ކުށްކުރާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ފުލުހުން ހުށަހެޅި ހުށަހެޅުމަކާއި، ލިބިފައިހުރި ހެކިތައް ދިރާސާކޮށް ބެލިއިރު "ސްކޫޕް" ގުރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުމުގެ ގާނޫނުގެ ދަށުން "އިންތިޒާމްވެފައިވާ ކުށްކުރާ ގުރޫޕެއް"ގައި ހުންނަންޖެހޭ ޝަރުތުތައް ފުރުހަމަވާ، އަދި މިހާރުވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕެއްކަމަށް ފެންނަ ކަމަށެވެ.

އެހެންކަމުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، "ސްކޫޕް"، "ސްކޫޕް ކަންމަތި" ނުވަތަ "SKP” ގުރޫޕަކީ "ގޭންގް"އެއް ކަމަށް ކަނޑައަޅައިދީ، އެ ގުރޫޕަށް ނިސްބަތްވާ މީހުންކަމަށް ފާހަގަކުރެވިފައިވާ 9 މީހަކު އެ ގްރޫޕްގެ މެންބަރުން ކަމަށް ކަނޑައަޅައިދިނުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ ހުށަހެޅުމާއެކު، އެ ގްރޫޕަށް ނިސްބަތްވާ ސްޕޯޓްސް ކްލަބެއް ކަމަށްވާ "އެސްކޭޕީ ސްޕޯޓްސް ކްލަމް" އުވާލުމަށް ކޮމިޝަނާ އޮފް ސްޕޯޓްގެ މައްޗަށް އަމުރުކޮށްދެއްވުމަށާއި، "ސްކޫޕް"، "ސްކޫޕް ކަންމަތި" ނުވަތަ "SKP” ލިޔެފައިވާ ފާރުތަކާއި، އެންމެގައި ތަންތަނުން އެ ނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށްވެސް ކޯޓުގައި ޕީޖީ އޮފީހުން ވަނީ އެދިފަ އެވެ.

ޕީޖީ އޮފީހުން ބުނީ މިއީ ގޭންގު ކުށްތަކާ ބެހޭ އާ ގާނޫނަށް އަމަލުކުރަން ފެށިފަހުން ގޭންގެއްކަމަށް ކަނޑައަޅައިދިނުމަށް ކޯޓަށް ހުށަހަޅަން ފުލުހުން ހުށަހެޅި ދެވަނަ ހުށަހެޅުން ކަމަށެވެ. ފުރަތަމަ ހުށަހެޅުން ބަލައިގެންފައި ނުވަނީ ގޭންގެއް ކަމަށް ކަނޑައެޅުމަށްޓަކައި ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާކަމަށް ސާބިތުކުރުމަށް ބޭނުންވާ ތަހުގީގު ފުރިހަމަވެފައި ނުވާތީ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

"މިކަމާ ގުޅިގެން ކޯޓުން ގޮތެއް ކަނޑައެޅުއްވުމުން ގާނޫނުގެ ދަށުން އެ ގްރޫޕާއި، ގްރޫޕްގެ މެންބަރުންނާމެދު އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން ކުރަމުން ގެންދާނަމެވެ." ޕީޖީ އޮފީހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.