އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހަމަވާއިރު، އިއްޔެ ހަވީރު 6:00 އާ ހަމައަށް 315 ޝަކުވާ ލިބިފައިވާ ކަމަށް އީސީން ބުންޏެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވޯޓާސް ލިސްޓަށް މިހާތަނަށް 315 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ އެ ދެ އިންތިހާބުގެ ވޯޓާސް ލިސްޓު އާންމުކުރީ މިމަހުގެ އަށްވަނަ ދުވަހު އެވެ. އެ ލިސްޓުގައިވާ ގޮތުން ވޯޓު ދިނުމުގެ ހައްގު 294,937 މީހަކަށް ލިބެ އެވެ. އެއީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.
އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހަމަވާއިރު، އިއްޔެ ހަވީރު 6:00 އާ ހަމައަށް 315 ޝަކުވާ ލިބިފައިވާ ކަމަށް އީސީން ބުންޏެވެ.
އީސީން ބުނީ ވޯޓާސް ލިސްޓަށް މައުގަނޑު ގޮތެއްގައި ލިބެމުންދަނީ ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމާއި، ރަށްވެހިކަން ބަދަލުވެފައިވާތީ އަދި ނިޔާވެފައިވާ ފަރާތްތައް ހިމެނިފައިވާތީ އެ ނަން ރަޖިސްޓަރީއިން އުނިކުރުމުގެ ޝަކުވާތައް ކަމަށެވެ.
އޭގެ އިތުރުން، ލިސްޓަށް ޝަކުވާ ހުށަހަޅަން އޮތް މުއްދަތުގައި، އާންމުކޮށްފައިވާ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ޗެކްކޮށް، އެ ރަޖިސްޓަރީގައިވާ މައުލޫމާތުތައް ކަށަވަރުކުރުމަށްފަހު އެއްވެސް ޝަކުވާއެއްވާނަމަ، ހުށަހަޅަން އީސީން ވަނީ އެދިފަ އެވެ.
އެގޮތުން ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ނުވަތަ އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ.
އެ ކޮމިޝަނުން ބުނީ ވޯޓާސް ރަޖިސްޓްރީއަށް ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ "ސިމެދަ ޕޯޓަލް" މެދުވެރިކޮށް ކަމަށެވެ.