މޯލްޑިވް ގޭހުގެ ގޭސް ޝިޕްމަންޓުގެ އެޑްވާންސަށް ދުބާއީ ކުންފުންޏަކަށް ދެއްކި 246،645 ޑޮލަރު (3.7 މިލިއަން ރުފިޔާ) ގެއްލިފައިވާ މައްސަލައަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ކުރެވޭ ސީރިއަސް ތުހުމަތެއް

މޯލްޑިވް ގޭހުން ގޭސް ގަތުމަށް ބޭރުގެ ކުންފުންޏަކަށް އެޑްވާންސަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ ތަހުގީގުކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ބަލައިދޭން އެ ކޮމިޓީއަށް ހުށަހެޅުއްވި މާވަށު ދާއިރާގެ މެމްބަރު އަހްމަދު ޝާކިރު ފޮނުއްވި، ސިޓީގައި ވިދާޅުވީ މޯލްޑިވް ގޭހުގެ ގޭސް ޝިޕްމަންޓުގެ އެޑްވާންސަށް ދުބާއީ ކުންފުންޏަކަށް ދެއްކި 246،645 ޑޮލަރު (3.7 މިލިއަން ރުފިޔާ) ގެއްލިފައިވާ މައްސަލައަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ކުރެވޭ ސީރިއަސް ތުހުމަތެއް ކަމަށެވެ.
އަދި އެ ފައިސާއަށް އަދިވެސް ވީގޮތެއް ނޭނގޭތީ، އެ މައްސަލައިގެ ތަހުގީގެއް ހިންގައިދޭން އޭނާ ވަނީ އެސްއޯއީ ކޮމިޓީގައި އެދިވަޑައިގެންފަ އެވެ.
އޭނާގެ ސިޓީގައި ވަނީ މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުالله މުހައްމަދަށް ވެސް ތުހުމަތެއް ކުރައްވައިފަ އެވެ.
މިގޮތުން، ގޭސް ކުންފުނީގެ އެމްޑީ ވަނީ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދާއި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދަށް ބިރުދެއްކެވުން ކަމަށް ދޭހަވާ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓެއް އެމްޑީ ކުރައްވާފައިވާތީ، އެ މައްސަލަ ވެސް ބަލައިދޭން ޝާކިރު ވަނީ އެދިވަޑައިގެންފަ އެވެ.
ގޭސް ޝިޕްމަންޓަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ އެންމެ ފުރަތަމަ ހާމަވީ، މިދިޔަ އޭޕްރީލް މަހު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެ ވާހަކަ ދެއްކެވުމުންނެވެ.
އޭނާ އޭރު ވިދާޅުވީ، އެޑްވާންސްގެ ގޮތުގައި ދެއްކި ގިނަ އަދަދެއްގެ ފައިސާ "ގެއްލުނު" އިރު، އެ ފައިސާ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ނުވާ ކަމަށެވެ.
އެ މައްސަލަ އޭސީސީން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.