ޔަގީނުން އެނގޭ ކަމަކީ މާރު ކުރުމުގެ ގާނޫނުން ހާއްސަ އިސްތިސްނާތަކެއް ޑޮލަރުން މުސާރަ ދިނަސް ނުލިބެ އެވެ. ހިސާބުން ޔަގީންވަނީ ޗަމްޕާ ކުންފުނިން މަހަކު ހަތް މިލިއަނެއްހާ ޑޮލަރު މުސާރައަށް މުވައްޒަފުންނަށް ދޭނެ ކަމެވެ.

ޓޫރިޒަމް ސިނާއަތަށް ލިބޭ ޑޮލަރުން ބައެއް، ބޭންކިން ނިޒާމަށް މާރުކުރަން މި ސަރުކާރުން ނިންމި ނިންމުންވީ ވިޔަފާރިވެރިން ރަތަށް އެރިކަމަކަށެވެ. މިއީ ކުރަން ޖެހޭކަމެއް ކަމަށް ވާހަކަ ދައްކާތާ އެތައް ޒަމާނެއް ފަހުން އެޅި މި ފިޔަވަޅުވީ ވިޔަފާރިވެރިންގެ ގިނަ ބައެއްގެ ނުހުރުން ލިބުނު ކަމަށެވެ. ހާއްސަކޮށް މަޝްހޫރު ފުންނާބު އުސް، ނުފޫޒުފަދަ ގިނަ މޫނުތަކެއް މިމަކާ ނުރުހުން ފާޅުކުރި އެވެ. ނަމަވެސް މިފަހުން ފެނުނު އެންމެ ހައިރާން ކުރުވަނިިވި ފިޔަވަޅަކީ ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ކުންފުނި ކަމަށްވާ، ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ރިސޯޓްތަކުގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭން ނިންމިކަން އިއުލާނު ކުރުމެވެ. މިއާއެކު އިގްތިސޯދީ ދާއިރާގެ މީހުންނާއެކު އާއްމުންވެސް އުފައްދަނީ ސުވާލެކެވެ. މިވީ ކިހިނެއް ؟ މިވަނީ ކިހިނެއް ؟
މިވީ ކިހިނެއް ތޯ އިގްތިސޯދީ ދާއިރާގެ މަޝްހޫރު ފަރާތެއް ކައިރީ އަހާލުމުން ޖަވާބެއް ނުދިނެވެ. އަނެއް ބޭފުޅެއްގެ ޖަވާބަކީ ހަމަ އެއްގޮތަކަށް ވެސް ތިޔަ ވާން އުޅޭ ގޮތެއް ނޭނގެ އެވެ. މިވަނީ ކިހިނެއް ކަމެއްވެސް ނޭނގެ އެވެ. އަނެއް ބަޔަކު ބުނަނީ ކުރިމަތީ އޮތް އިންތިހާބާ ދިމާކޮށް މި އުއްޗު މި ދެއްވަނީ މެސެޖެކެވެ.
ޔަގީނުން ވެސް އެނގޭ ކަމަކީ މި ކުންފުންޏަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ފުންނާބު އުސް ކުންފުނިކަމެވެ. މި ކުންފުނީގައި 11 ރިސޯޓް އޮތްއިރު މުވައްޒަފުންގެ އަދަދު 3000 އަށްވުރެ މަދެއް ނޫނެވެ. މި 11 ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ އަދަދު ގިނަ އެވެ. ކުޑަ ހިސާބެއް ޖަމާލާނަމަ އެ ކުންފުނިން ބޭރު ކުރަން ޖެހޭ ޑޮލަރުގެ އަދަދުގެ އަންދާޒާއެއް ލިބެ އެވެ. ރާއްޖޭގައި އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ނުވަތަ "މިނިމަމް ވޭޖު" ކަނޑައަޅައި، އެއަށް ދަނީ ޖެނުއަރީ 2022 އިން ފެށިގެން އަމަލު ކުރަމުންނެވެ. މި އުސޫލާއެކު ޓޫރިޒަމް ދާއިރާ ނުވަތަ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެނީ "ބޮޑެތި ވިޔަފާރިތަކުގެ" ގިންތީގަ އެވެ.
މިނިމަން ވޭޖުދޭ އެންމެ ކުޑަކޮށް ބެލިނަމަވެސް ހަތް މިލިއަން ޑޮލަރު ވަރު މި ކުންފުނީގެ މުވައްޒަފުންނަށް މަހެއްގެ މައްޗަށް ހަރަދު ކުރަން ޖެހޭނެ އެވެ. މާނައަކީ އަހަރެއްގެ މައްޗަށް ބަލާނަމަ ޗަންޕާ ކުންފުނިން 85 މިލިއަން ޑޮލަރު މުވައްޒަފުންނަށް ދޭން ޖެހޭނެ އެވެ. މިއީ ބޮޑު އަދަދެކެވެ.

ގިނަ ބަޔަކު ސުވާލު އުފައްދަނީ އެހެންވެ އެވެ. ނަމަވެސް މިކަމުގެ ސަބަބުން އިގްތިސޯދަށް އަންނާނެ ހެޔޮ ބަދަލުތަކެއް ވެސް މީގައި އެބައޮތެވެ. އެ ބަދަލަކީ އިގްތިސޯދުގައި އެނބުރޭ ރުފިޔާއަށްވުރެ ޑޮލަރު އިތުރުވުމެވެ. މީގެ ސަބަބުން "ކާލާ ބާޒާރަ" އަށްވެސް ބަދަލުތަކެއް އަންނާނެ އެވެ. ނަމަވެސް މި ބަދަލު ފެންނަނީ ލީކުވުން މަދު ނަމަ އެވެ. މިހާރުގެ ލީކޭޖު ހުރި މިންވަރުން މި ބަދަލު އައުމުގެ ފުރުސަތު ކުޑަ އެވެ. އަނެއް ސަަބަބަކީ ޓޫރިޒަމް ރަނގަޅުވުމެވެ. ރާއްޖޭގެ ޓޫރިޒަމް މިދިޔަ އަހަރު ރަނގަޅެވެ. އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން 2.2 މިލިއަން މީހުން އައިއިރު ޓޫރިޒަމް އާމްދަނީ ވަނީ 5.5 މިލިއަން ޑޮލަރަށް އުފުލިފަ އެވެ. މިއީ 2024 އާ އަޅާބަލާއިރު 16 ޕަަސެންޓުގެ އިތުރުވުމެކެވެ.
ދެން އޮތީ ޑޮލަރުން މުސާރަ ދިނުމުން ބޭންކިން ނިޒާމަށް މާރުކުރަން އިސްތިސްނާއެއް ލިބޭ ހެއްޔެވެ؟
ދިވެހިރާއްޖޭގައި ބޭރު ފައިސާގެ މުއާމަލާތްތައް ކޮންޓްރޯލްކޮށް، ބޭންކިން ނިޒާމު ހަރުދަނާކުރުމަށްޓަކައި "ބޭރު ފައިސާއާ ބެހޭ ގާނޫނު" (ގާނޫނު ނަންބަރު 32/2024) އަށް ޖަނަވަރީ 1، 2025 އިން ފެށިގެން ދަނީ އަމަލުކުރަމުންނެވެ.
މި ގާނޫނު ބުނާގޮތުން ރާއްޖޭގައި ހިންގާ ހުރިހާ މުއާމަލާތެއް ހިންގަންވާނީ ދިވެހި ރުފިޔާ އިންނެވެ. ނަމަވެސް އިސްތިސްނާ ހާލަތްތަކެއް މި ގާނޫނުގައިވެ އެވެ. އެގޮތުން ޓޫރިސްޓުންނަށް ވިއްކާ މުދަލާއި ހިދުމަތް، އެކްސްޕޯޓް މުދާ، ބައިނަލްއަގުވާމީ މުއާމަލާތްތައް، އަދި ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން މުވައްޒަފުންނަށް މުސާރަ ދިނުން ފަދަ ކަންކަން ބޭރު ފައިސާއިން ކުރެވެ އެވެ.
މިގޮތުން ބޭރު ފައިސާ އިން އާމްދަނީ ލިބޭ ފަރާތްތަކުން އެ ފައިސާގެ ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރަން މިހާރު ލާޒިމްވެ އެވެ. ޓޫރިޒަމް ދާއިރާގެ ރިސޯޓް، ހޮޓެލް، ސަފާރީ ފަދަ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ބޭންކަށް މާރުކުރަންޖެހެ އެވެ. އަދި ގެސްޓްހައުސްތަކުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަންޖެހެ އެވެ. މީގެ އިތުރުން އެހެނިހެން ވިޔަފާރިތަކުން އަހަރަކު 15 މިލިއަން ޑޮލަރަށް ވުރެ ގިނައިން އާމްދަނީ ލިބޭ ވިޔަފާރިތަކުން، ލިބޭ އާމްދަނީގެ 20 އިންސައްތަ ބޭންކަށް މާރުކުރަންޖެހެ އެވެ. ބޭރު ފައިސާއިން ލިބޭ ހުރިހާ އާމްދަނީއެއް ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރަންޖެހެ އެވެ. މި ފައިސާ ބޭންކަށް މާރުކުރަންޖެހޭ އެންމެ ފަހު ތާރީހަކީ އެ ފައިސާ ލިބުނު މަހަށްފަހު އަންނަ ތިންވަނަ މަހުގެ 28 ވަނަ ދުވަހެވެ.
ނަމަވެސް މި ގާނޫނަކުން ޑޮލަރުން މުސާރަ ދޭނަމަ އެ ވިޔަފާރިއަކަށް އިސްތިސްނާއެއް ނުލިބޭނެ އެވެ. ނަމަވެސް ޑޮލަރުން ދިނުން ގާނޫނު މަނައެއް ނުކުރެ އެވެ.
މި ގާނޫނުގެ މައިގަނޑު އުސޫލަކީ ރާއްޖޭގައި ހިންގާ ހުރިހާ މުއާމަލާތެއް ދިވެހި ރުފިޔާއިން ހިންގުން ކަމަށްވިޔަސް، ތިރީގައިވާ ހާލަތްތަކުގައި ޑޮލަރުން މުސާރަ ދެވިދާނެ އެވެ.
ކޮންމެ ގޮތެއްގައިނަމަވެސް މި ބަދަލުން އަންނާނެ ބަދަލެއްވެސް އޮންނާނެ އެވެ. މިއީ ޗަމްޕާ ކުންފުނިން މިހާލަތުގައި އަޅާ ދިގު ފިޔަވަޅެކެވެ. ގިނަ މެސެޖުތަކެއް ހިމެނޭ ކަމެކެވެ. ނަމަވެސް މި ފިޔަވަޅުން ފެންނަ ނަތީޖާއާ ހަމައަށްދާން އަދި ވަގުތު ނަގާނެ އެވެ.