ޔޫއޭއީގައި މިހާރު ކުރިއަށްދާ ސަސްޓެއިނަބިލިޓީ ބައްދަލުވުމުގައި، ފ. ނިލަންދޫގައި ހުންނަ ފ. އަތޮޅު ތައުލީމީ މަރުކަޒަށް ލިބުނީ "ޒައިދު ސަސްޓެއިނިބިލިޓީ ޕްރައިޒް ގްލޯބަލް ހައި ސްކޫލްސް - ސައުތު އޭޝިއާ"ގެ އިނާމެވެ.

ޔޫއޭއީގެ ސަރުކާރުން "ޒައިދު ސަސްޓެއިނިބިލިޓީ ޕްރައިޒް" ދޭ ޝަރަފުވެރި އެވޯޑު، ފ. އަތޮޅު ތައުލީމީ މަރުކަޒަށް މިއަދު ލިބިއްޖެ އެވެ.
ޔޫއޭއީގައި މިހާރު ކުރިއަށްދާ ސަސްޓެއިނަބިލިޓީ ބައްދަލުވުމުގައި، ފ. ނިލަންދޫގައި ހުންނަ ފ. އަތޮޅު ތައުލީމީ މަރުކަޒަށް ލިބުނީ "ޒައިދު ސަސްޓެއިނިބިލިޓީ ޕްރައިޒް ގްލޯބަލް ހައި ސްކޫލްސް - ސައުތު އޭޝިއާ"ގެ އިނާމެވެ.
އެ އިނާމު ލިބުނީ އެ ސްކޫލާއި އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް އިއާދަކުރަނިވި ހަކަތާއި ސާފު ބޯފެން ފޯރުކޮށްދިނުމަށް ކޮށްފައިވާ މަސައްކަތުގެ އަގުވަޒަންކޮށެވެ. އޭގެތެރޭގައި، އިރުގެ ހަކަތަ އާއި ވައިގެ ހަކަތަ ބޭނުންކުރުމާއި، ވާރޭފެން ރައްކާކުރުމާއި ފެން މެނޭޖުކުރުން ހަރުދަނާކުރުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމާއި ހައިޑްރޯޕޮނިކްސް ބޭނުންކޮށްގެން ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
އެ މަސައްކަތުގެ ސަބަބުން އަހަރަކު 1،200 ޓަނުގެ ވިހަ މާއްދާތައް ޖައްވަށް ބޭރުވުން ހުއްޓުވެ އެވެ.
އެ އިނާމު ދިނުމަށް ސަސްޓެއިނަބިލިޓީ ވީކް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ފ. އަތޮޅު ތައުލީމީ މަރުކަޒަށް މި ކާމިޔާބީ ލިބުމަކީ ރާއްޖެއަށް ލިބުނު ރީތި ނަމެއް ކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްގީގައި ޒުވާނުންގެ އީޖާދީ ވިސްނުން ހުރި މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.