ހަނގުރާމައާއެކު އިސްރާއީލުގެ އެންމެ ބޮޑު ބަނދަރަށް ގެއްލުންވެ އާމްދަނީ ސުމަކަށް

މި ރިޕޯޓުގައިވާ ގޮތުން، ކުރިން އަހަރަކު ގާތްގަނޑަކަށް 76 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނު ނަމަވެސް، މިހާރު އެ އަދަދު ވަނީ ސުމަކާ ގާތްކޮށްފަ އެވެ.

އީލާތު ބަނދަރު

ޔަމަނުގެ ހޫތީންގެ ހަމަލާތަކުގެ ސަބަބުން އިސްރާއިލްގެ އިސްތިރާޖީ ގޮތުން އެންމެ މުހިންމު ބަނދަރު ކަމަށްބާ އީލާތު ބަނދަރު "ފުނޑުފުނޑުވެ" އާމްދަނީ ސުމަކަށް ވެއްޓި ބަންދު ކުރުމާ ގާތް ވެއްޖެ އެވެ. 

އިސްރާއިލްގެ ނޫސްތަކުގައިވާ ގޮތުން ރަތްކަނޑުގެ އައްސޭރީގައި އޮންނަ އިސްރާއީލުގެ އީލާތު ބަނދަރަށް ވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން ފާއިތުވި ދެ އަހަރެއްހާ ދުވަހު ޔަމަނުގެ ހޫތީ ދެމުންދާ ހަމަލާތަކުގެ ސަބަބުން އާމްދަނީ ވަނީ ސުމަކަށް ވެއްޓިފަ އެވެ.

އިސްރާއީލުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ދެކުނުގައި އޮންނަ އެންމެ މުހިންމު އިސްތިރާޖީ އެއް ބަނދަރު ކަމަށްވާ އީލާތު ބަނދަރު މިހާރު ތަހައްމަލު ކުރަމުންދަނީ އެ ބަނދަރުގެ ތާރީޚުގައި ވެސް ކުރިމަތިވި އެންމެ ބޮޑު ގެއްލުމާ އެވެ.

ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ފާއިތުވި ދެ އަހަރުގެ ތެރޭގައި ހޫތީން ވަނީ އިސްރާއީލަށް އަމާޒުކޮށް އެތައް ސަތޭކަ މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފަ އެވެ. މީގެ އިތުރުން، ރަތް ކަނޑުން ދަތުރުކުރާ އިސްރާއީލާ ގުޅުންހުރި އުޅަނދުފަހަރަށް ހަމަލާދީ، އިސްރާއީލުގެ ވިޔަފާރި އުޅަނދުތަކަށް އެ ސަރަހައްދުން ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

ނޫސްތަކުން ބުނާގޮތުގައި، ރަތްކަނޑުގެ ދަތުރުފަތުރުގެ މަގުތަކަށް ބުރޫއެރުމާއި، އުޅަނދުފަހަރަށް ދޭ ހަމަލާތަކުގެ ސަބަބުން މި ބަނދަރުގެ މަސައްކަތްތައް ވަނީ އެއްކޮށް ހުއްޓިފަ އެވެ. ބަނދަރުގެ މުވައްޒަފުން ކޮންމެ ދުވަހަކު ހެނދުނު މަސައްކަތަށް ނުކުތް ނަމަވެސް، ބަނދަރަށް ކައިރިކުރާނެ އެއްވެސް އުޅަނދެއް ނުވެ އެވެ.

މި ރިޕޯޓުގައިވާ ގޮތުން، ކުރިން އަހަރަކު ގާތްގަނޑަކަށް 240 މިލިއަން ޝެކެލް (76 މިލިއަން ޑޮލަރު) އާމްދަނީގެ ގޮތުގައި ލިބުނު ނަމަވެސް، މިހާރު އެ އަދަދު ވަނީ ސުމަކާ ގާތްކޮށްފަ އެވެ. ބަނދަރު އަލުން ހިންގުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ދީފައިވަނީ އެންމެ 15 މިލިއަން ޝެކެލް (ގާތްގަނޑަކަށް 5 މިލިއަން ޑޮލަރު) އެވެ.

އިސްރާއީލުގެ ފައިނޭންސް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ދާދި ފަހުން ވަނީ އީލާތު ބަނދަރު ހިންގުމުގެ ލައިސަންސް އާނުކުރަން ވެސް ނިންމާފަ އެވެ. އެއީ ބަނދަރު ހިންގުމަށް ބޭނުންވާ ޝަރުތުތައް އެތަނުގައި މިހާރު ފުރިހަމަނުވާތީ އެވެ. މި ނިންމުމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް އީލާތު ބަނދަރުގެ މެނޭޖްމަންޓުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.