އިކޮނިމޮކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި އަހުމަދު އަނާމް އިބްރާހީމްގެ ބޭންކް އެކައުންޓުތަކުގައި އެ މުއްދަތުގައި 38.8 މިލިއަން ރުފިޔާ ވަނީ ދައުރުކޮށްފަ އެވެ.

ގއ. ވިލިނގިލިން މިދިޔަ ހޯމަ ދުވަހު އަތުލައިގަތް މަސްތުވާތަކެތީގެ ނެޓްވޯކުގައި ހިމެނޭ މީހުންގެ އެކައުންޓްތަކުގައި ވޭތުވެދިޔަ ފަސް އަހަރުތެރޭގާއި 300 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދި ހަތަރު ލައްކައަށްވުރެ ގިނަ ޑޮލަރު ދައުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަނުގެ ދަށުން ގއ. ވިލިނގިލީގެ 10 ތަނެއް ބަލައިފާސްކޮށް، އެ ނެޓްވޯކްގެ އިސް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެއީ ވިލިނގިލި، ޝެވޯނާ، ޝައްފާހް ލަތީފް 28، އާއި އެރަށު، މިޔުޒިކީއާގެ، އަހުމަދު މަދީހު 33، އާއި އެރަށު، އައިޒަން، އަހުމަދު އަނާމް އިބްރާހީމް 30، އަދި އެރަށު، އަރާއިރުގެ، ނޫރުއްނިޒާމް 35، އެވެ.
ފުލުހުން މިރޭ ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށެވެ.
މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ހާއްސަ ތަހުގީގެއް ފަށާފައިވާއިރު، މި ނެޓްވޯކުގައި ހަރަކާތްތެރިވާ 19 މީހެއް މި ތަހުގީގަށް ވަނީ ދެނެގަނެވިފަ އެވެ.
ފުލުހުން ބުނީ މި ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާ ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި ފަސް އަހަރު ތެރޭގައި މިނެޓްވޯކުގެ މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި ހަތަރު ލައްކަ އަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާ ކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ފައިސާގެ ތެރެއިން، މިހާރު ފުލުހުންގެ ބަންދުގައި ހުރި މަދީހުގެ ބޭންކު އެކައުންޓުތަކުގައި 17.1 މިލިއަން ރުފިޔާ ވަނީ ދައުރު ކޮށްފަ އެވެ. ނަމަވެސް ފުލުހުން ބުނީ ވޭތުވެ ދިޔަ ފަސް އަހަރުތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430,638.99 ރުފިޔާ ކަމަށެވެ.
މީގެ އިތުރުން، އިކޮނިމޮކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި އަހުމަދު އަނާމް އިބްރާހީމްގެ ބޭންކް އެކައުންޓުތަކުގައި އެ މުއްދަތުގައި 38.8 މިލިއަން ރުފިޔާ ދައުރުކޮށްފައިވާއިރު، މުސާރައިގެ ގޮތުގައި އޭނާގެ އެކައުންޓަށް ޖަމާވެފައި ވަނީ 271،874.32 ރުފިޔާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރު ކުރުމާއެކު އެ މަގާމުން ވަނީ ވަކިކޮށްފަ އެވެ.
އަދި، ޝައްފާހު ލަތީފްގެ ބޭންކް އެކައުންޓުތަކުގައި ވެސް 6.9 މިލިއަން ރުފިޔާ ވަނީ ދައުރުކޮށްފަ އެވެ. އެ މުއްދަތު ތެރޭގައި އޭނާގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 371،635.36 ރުފިޔާ އެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް، ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ފްރީޒް ކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ނޫރުއްނިޒާމް 15 ދުވަހަށް، އަދި ދެން ތިބި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ.