މީރާގެ މައުލޫމާތުން އެނގޭ ގޮތުގައި ރާއްޖޭގައި ގެސްޓްހައުސް އެންމެ ފުޅާ ހަ ރަށުން ދެއްކި ޖުމްލަ ޓެކްސް އުޅެނީ 20 މިލިއަން ރުފިޔާގަ އެވެ. ނަމަވެސް މާފުށީގެ އަދަދު 50 މިލިއަނުން މައްޗެވެ. ޓީޖީއެސްޓީއަށް އެކަނި 30 މިލިއަން ދެއްކި އެވެ.

އެ ރަށަކުން ދައުލަތަށް ހިންގަން އެންމެ ގިނަ ފައިސާދޭ މާފުށިން މިދިޔަ އަހަރު 50 މިލިއަނަށްވުރެ ގިނަ ރުފިޔާ، ނުވަތަ 3.5 މިލިއަން ޑޮލަރު ޓެކުހަށް ދެއްކި ކަމަށް ދައްކައިފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ، އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން "ދަ މިރާ" އަށް ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުން ގެސްޓްހައުސް އެންމެ ފުޅާކޮށް ހިންގާ ކ. މާފުއްޓާއި އދ. ދިގުރަށް އަދި ކ. ތުލުސްދޫގެ އިތުރުން އއ. ތޮއްޑޫ އާއި އއ. ރަސްދޫ އަދި އއ. އުކުޅަހުން މިދިޔަ އަހަރު ދައުލަތަށް ވަނީ ޖީޖީއެސްޓީ އާއި ގްރީންޓެކްސް އަދި ޓީޖީއެސްޓީގެ ގޮތުގައި ޖުމްލަ 68.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައި އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހާ ހަމައަށް މީރާއަށް ލިބިފައިވާ ޓެކުހުގެ މައްޗަށް އެ އޮތޯރިޓީން ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުން އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް މިހާރު ދައްކާ ރަށަކީ މާފުއްޓެވެ. އެ ރަށުން މިދިޔަ އަހަރު ޓެކުހުގެ ގޮތުގައި ގާތްގަނޑަކަށް 47.7 މިލިއަން ރުފިޔާ ނުވަތަ އަހަރު ނިމޭއިރު 50 މިލިއަނަށްވުރެ ބޮޑު އަދަދެއް ދައްކާނެ އެވެ. މި ރަށް ނަގާފައިވާ ބާކީ ހުރި ރަަށްތައް ވަކިން ބަލާނަމަ ޓެކްސް ދެއްކި އަދަދުގައި ބޮޑު ފަރަގެއް އުޅެ އެވެ. މާފުށި ނޫން އެހެން ރަށްތަކުން ދައްކާފައިވާ އަދަދު އުޅެނީ 20 މިލިއަން ރުފިޔާއަށް ވުރެ އިތުރުވުމެއްގަ އެވެ.

މިދިޔަ އަހަރު މާފުށިން ޓޫރިޒަމް ޓެކުހުގެ ގޮތުގައި 30 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައްކާފައިވެ އެވެ. ދެވަނައަށް އެންމެ ގިނަން ޓީޖީއެސްޓީ ދެއްކި އއ. ރަސްދޫއިން ދައްކާފައިވަނީ 5.3 މިލިއަން ރުފިޔާ އެވެ. އަދި ގްރީން ޓެކްސް ވެސް އެންމެ ގިނައިން ދައްކާފައިވަނީ މާފުށިންނެވެ. އެ ރަށުން ތިން މިލިއަން ރުފިޔާ ވަނީ ގްރީން ޓެކުހަށް ދައްކާފަ އެވެ. އަދި އާއްމު ކަންމަތީ ފިހާރަތަކާއި ކެފޭތަކުން ދައްކާ ޖެނެރަލް ޖީއެސްޓީ އެންމެ މަތިން ދައްކާފައިވަނީ ވެސް މާފުށިންނެވެ. އެ ރަށުގެ ފިހާރަ، ކެފޭ ފަދަ ތަންތަކުން 14 މިލިއަން ރުފިޔާ ވަނީ ޓެކުހަށް ދައްކާފަ އެވެ.
މައުލޫމާތުތަކުން އެނގޭ ގޮތުގައި މި ހަ ރަށުގައި ހުރި ޖުމްލަ ޓޫރިސްޓް އެނދުގެ އަދަދު ހުރީ ގާތްގަނޑަކަށް 5,150 އެނދެ އެވެ،. މާފުށީގައި ޖުމްލަ 2,250 އެނދު އެބަހުއްޓެވެ. އަދި ދެވަނައަށް އެންމެ އެނދު ގިނައީ އއ. ތޮއްޑޫ އެވެ. އެ ރަަށުގައި ޖުމްލަ އެނދުގެ އަދަދު 1000 ގާތްކުރެ އެވެ.