މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަ (އަންނަ ހޮނިހިރު) ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 6:00 އަށް މާފަންނު ބަސް ޓާމިނަލަށް ހާޒިރުވެ، އިންޓަވިއު ދިނުމަށް ވަނީ އިއުލާނުކޮށްފަ އެވެ.

އާއްމު ރައްޔިތުންނަށް ކުރިމަތިވެފައިވާ އެއްގަމު ދަތުރުފަތުގެ މައްސަލަަ ހައްލު ކުރުމުގެ ގޮތުން އެމްޓީސީސީ ފަށާ ޓެކްސީ ލައިންނަށް ޑްރައިވަރުން ހޯދަން ވޯކް-އިން އިންޓަވިއުއެއް ބާއްވަން ނިންމައިފި އެވެ.
މި ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ މިހާރުވެސް މާލެ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދެމުންދާ އެމްޓީސީސީއާއެވެ. އެމްޓީސީސީ އިން ކުރި އިއުލާނެއްގައި ބުނީ މާލެ ޓެކްސީ ސާވިސްގައި މަސައްކަތް ކުރާނެ ޕާޓް ޓައިމް ޑްރައިވަރުން ހޯދަން ބޭނުންވާ ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަ (އަންނަ ހޮނިހިރު) ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 6:00 އަށް މާފަންނު ބަސް ޓާމިނަލަށް ހާޒިރުވެ، އިންޓަވިއު ދިނުމަށް ވަނީ އިއުލާނުކޮށްފަ އެވެ.
ސަރުކާރުގެ ޓެކްސީ ހިދުމަތަށް 407 ޑްރައިވަރުން ހޯދަން މިދިޔަ ނޮވެމްބަރު މަހު އެމްޓީސީސީއިން އިއުލާނު ކުރިއެވެ. އެ ފުރުސަތުގައި ކުރިމަތިލީ 366 މީހުންނެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރަން ޔޫތު ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޓެކްސީގެ ހިދުމަތް އަންނަ ފެބުއަރީ މަހު ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިވަގުތު ކުރިއަށް ގެންދަނީ އެކަމަށް ގެންނަ ޓެކްސީތައް ތައްޔާރު ކުރުމުގެ މަސައްކަތް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެ އެވެ.
އެމްޓީސީސީއިން ޓެކްސީގެ ހިދުމަތް ފަށަނީ ތިމާވެއްޓާ ރަހުމަތްތެރި އިލެކްޓްރިކް ވެހިކަލްސް ބޭނުންކޮށްގެންނެވެ. އަދި މި ހިދުމަތަކީ 24 ގަޑިއިރު ދޭނެ ހިދުމަތަކަށްވާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ފުރަތަމަ މި ހިދުމަތް ފަށަން އުޅުނީ މިދިޔަ އަހަރު އެވެ. ނަމަވެސް މިކަމަށް ގެންނަ ހާއްސަ އުޅަނދުތަކެއް ބޭނުންވާތީ އެ ތައްޔާރު ކުރަން ވަގުތު ނަގާނެ ކަމަށް ޓްރާންސްޕޯޓް މިިނިސްޓްރީން ބުނެފައިވެ އެވެ.