އެނގިފައިވާ ގޮތުގައި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އަޒުވަރު ވަނީ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑްގެ މަގާމުގައި ހުންނެވި އަޒުހަދު ރަމީޒު މަގާމުން ވަކިކުރައްވާފަ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން އަހުމަދު ޝަމާހު ރަޝީދު މިއަދު މަގާމުން ވަކިކުރުމަށްފަހު، އެ ކުންފުނީގެ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރާ ހަވާލުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އަޒުވަރު ވަނީ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑްގެ މަގާމުގައި ހުންނެވި އަޒުހަދު ރަމީޒު މަގާމުން ވަކިކުރައްވާފަ އެވެ.
ސްޓެލްކޯގެ ޕްރޮކިއުމަންޓްގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ބިއުރޯ ހެޑް އަސްފާ ހުސައިންއާ އެވެ.
ޝަމާހް ސްޓެލްކޯގެ މަގާމުން ވަކިކުރި ފަހުން، އޭނާގެ އަޑު ކަމަށް ބެލެވޭ މީހަކު ވާހަކަ ދައްކާ އޯޑިއޯއެއް ވަނީ ލީކުވެފަ އެވެ. ޝަމާހު ކަމަށް ތުހުމަތު ކުރާ އެ މީހާ ވަނީ ސްޓެލްކޯ މެދުވެރުކޮށް ނާޖައިޒު ފައިދާ ނަގާކަމުގެ ވާހަކަތަކެއް އެ އޯޑިއޯގައި ދައްކާފަ އެވެ.
އަދި އެ އޯޑިއޯގައި މަގާމުން ވަކިކުރި އަޒުހަދުގެ ވާހަކަވެސް ދައްކާފައިވެ އެވެ. އެގޮތުން ޝަމާހު ކަމަށް ތުހުމަތުކުރާ އެމީހާ ބުނެފައި ވަނީ "ސްޓެލްކޯއިން މަގޭ މި ކުޅިވަރު އެނގޭނެ ތިބޭނީ ދެ މީހުން. އެއީ އަޒްހަދާއި ސާއިދު،" މިހެންނެވެ.

ޝަމާހު އެންމެ ފުރަތަމަ އައްޔަނު ކުރީ މިފްކޯގެ ސީއީއޯގެ މަގާމަށެވެ. އޭރު އޭނާ އެ މަގާމުން ވަކިކުރީ އެ ކުންފުނީގެ ތެރެއިން ނާޖާއިޒު ފައިދާ ނަގާކަމުގެ ތުހުމަތުތަކެއްވެސް ކޮށް، އެއް މަސް ދުވަހު ސަސްޕެންޑް ކުރުމަށްފަހު އެވެ. ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަނު ކުރުމުގެ ކުރިން ޝަމާހު ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.
ސްޓެލްކޯގެ ފުރަތަމަ އެމްޑީ، ފަހުމީ މިހާރު ހުންނެވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމުގަ އެވެ.