އެ އިއުލާނުގައި ބުނީ ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި އިމާރާތް ތަޅާލައި، އެ ބިން ސާފުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ހެންވޭރުގައި ހުރި ކުރީގެ ތެލެސީމިއާ ސެންޓަރު ތަޅާލުމަށްފަހު "ޖީޕީ ކްލިނިކެއް" ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކުރީގެ ތެލެސީމިއާ ސެންޓަރު ތަޅާލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.
އެ އިއުލާނުގައި ބުނީ ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި އިމާރާތް ތަޅާލައި، އެ ބިން ސާފުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތަކަށް ޑޮކްޓަރަށް ދެއްކުމަށް އޮންނަ ކިޔޫތައް ކުޑަކުރުމަށް ޖުމްލަ ހަ ޖީޕީ ކްލިނިކެއް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު މާފަންނުގައި ޖީޕީ ކްލިނިކެއް ހުޅުވައި، މިހާރު ދަނީ ހިދުމަތް ދެމުންނެވެ. އަދި ހުޅުމާލޭ ހިޔާ ސަރަހައްދުގައި ވެސް އެފަދަ ކްލިނިކެއް ވަނީ ހުޅުވައިފަ އެވެ.
އޭގެ އިތުރުން އެފްޑީސީ ފްލެޓު ސަރަހައްދުގައި ވެސް ޖީޕީ ކްލިނިކެއް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ތެލެސީމިއާ ސެންޓަރު މިހާރު ވަނީ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ "އޮރެންޖު ހިޔާ" އަށް ބަދަލުކޮށްފަ އެވެ. އެހެންވެ، ކުރިން އެތަން ހިންގި އިމާރާތް ހުންނަނީ ބޭނުންނުކޮށް ހުހަށެވެ.
ޖީޕީ ކްލިނިކްތަކުން އާންމު ބަލިޔަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި، ލޭގެ ޓެސްޓް ހެދުމަށް ސާމްޕަލް ނެގުމާއި، އެކްސްރޭ ނެގުން ފަދަ ފުރަތަމަ މަރުހަލާގައި ކުރެވޭ މުހިއްމު ކަންކަން ކުރެވޭނެ އެވެ.