އެހެންވެ، އެ ހައްގު ސަލީމް ދޫކޮށްލީ ކަމުގައި ބަލައި، ހީނާ އާއި ދިޔަރެސްއަށް ވަކީލުންގެ ހަރަދަށް ހޭދަވި 15،000ރ. ދިނުމަށް ވެސް ސިވިލް ކޯޓުން ވަނީ ސަލީމްގެ މައްޗަށް އަމުރުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމާ ބެހޭގޮތުން ދިޔަރެސް ނޫހުގައި ޝާއިއުކުރި ހަބަރަކާ ގުޅިގެން އެ ނޫހާއި އެ ނޫހުގެ މަސްއޫލުވެރިޔާ، ހީނާ ވަލީދާ ދެކޮޅަށް އޭނާ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ނާކާމިޔާބުވުމުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
އަބުރު ގެއްލުވާލި ކަމަށް ވިދާޅުވެ، ގެއްލުމުގެ ބަދަލު ހޯއްދަވަން ސަލީމް ސިވިލް ކޯޓުގައި ދައުވާ ކުރެއްވީ "ނޫސްވެރިޔާ ނަސީރު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާއްމުވެއްޖެ" ނަމުގައި ޖޫން 25، 2022 ގައި ޝާއިއުކުރި ހަބަރާ ގުޅިގެންނެވެ. އެ ހަބަރުގައި ލިޔެވައި ވަނީ، ސޯޝަލް މީޑިއާގައި އާންމުވި ބަދުއަހުލާގީ ވީޑިއޯއެއްގައި ނަރީސާއެކު ދެން ހުރި މީހާގެ މޫނު ސާފުނުވިޔަސް އެއީ ސަލީމް ކަމަށް ބެލެވޭ ކަމަށެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުގައި ސަލީމް ދައުވާ ކުރެއްވީ އަބުރު ގެއްލުވާލި ކަމަށް ކަނޑައަޅައި ދެއްވުމަށާއި، އެކަމުގެ މާއްދީ ބަދަލުގެ ގޮތުގައި 5،000ރ. އާއި މައުނަވީ ގެއްލުމުގެ ބަދަލަށް 10 މިލިއަން ރުފިޔާ އަދި ގާނޫނީ ވަކީލުގެ ފީއަށް 50،000ރ. ނަގައިދިނުމަށެވެ.
ނަމަވެސް ދިޔަރެސް ނޫހަށާއި އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާގެ މައްޗަށް ސަލީމް ކުރެއްވި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް މިދިޔަ ސެޕްޓެމްބަރު މަހު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެގޮތަށް ނިންމީ ދައުވާ ކުރުމުގެ ހައްގު ސަލީމް ދޫކޮށްލާފައިވާތީ އެވެ. އެއީ މީޑިއާ ކައުންސިލަށްވެސް އެ މައްސަލަ ހުށަހެޅިއިރު، މައްސަލަ ހުށަހަޅާ ފޯމުގައި އެ މައްސަލައަކާ ބެހޭ އެހެން ދައުވާތަކުގެ ހައްގު ދޫކޮށްލަން އިގުރާރުވެ، ސޮއިކޮށްފައިވާތީ އެވެ.
އެހެންވެ، އެ ހައްގު ސަލީމް ދޫކޮށްލީ ކަމުގައި ބަލައި، ހީނާ އާއި ދިޔަރެސްއަށް ވަކީލުންގެ ހަރަދަށް ހޭދަވި 15،000ރ. ދިނުމަށް ވެސް ސިވިލް ކޯޓުން ވަނީ ސަލީމްގެ މައްޗަށް އަމުރުކޮށްފަ އެވެ.
އެ މައްސަލަ ސަލީމްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާކަން ހައިކޯޓުގެ ރަޖިސްޓްރީން ދައްކަ އެވެ. ނަމަވެސް މައްސަލަ ބަލައިގަތުމާމެދު އަދި ގޮތެއް ނުނިންމަ އެވެ.