"ކަޓު" ނެގުމާއި ނަސްލީ ތަފާތުކުރުން | މަސްއޫދުގެ ސީރިއަސް ތުހުމަތުތަކެއް ލަންކާ އިމިގްރޭޝަނަށް

މިކަންކަން ރަނގަޅު ނުކުރާނަމަ، ރާއްޖެއަށް އަންނަ ލަންކާ ރައްޔިތުންނަށް ވިސާ ދިނުމުގެ އުސޫލު ހަރުކަށި ކުރަންޖެހިދާނެކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވައިފަ އެވެ.

މަސްއޫދު (ވ) ލަންކާ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ

"ކަޓު" ނެގުމާއި ނަސްލީ ތަފާތުކުރުމުގެ ސީރިއަސް ތުހުމަތުތަކަކާ އެކު، އަވައްޓެރި ސްރީ ލަންކާގައި ދިރިއުޅޭ އަދި ދަތުރުކުރާ ދިވެހިންނާ މެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރާކަމަށް، ރާއްޖޭން އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ވިދާޅުވެއްޖެ އެވެ.

ލަންކާގެ ޑެއިލީ ނޫހަށް ދެއްވި އިންޓަވިއުއެއްގައި މަސްއޫދު ވިދާޅުވީ، ލަންކާއަށް ދާ ދިވެހިންނާ މެދު އެ ގައުމުގެ އިމިގްރޭޝަނުން ކަންތައް ކުރަނީ "ދޮންދަރި"އަކާމެދު އަމަލުކުރާ އުސޫލުން ކަމަށެވެ. 

މިގޮތުން، ލަންކާގައި އުޅޭ ދިވެހިން ހެނދުނު 9:00 އިން ހަވީރު 5:00 ޖަހަންދެން ދިގު ކިޔުތަކުގައި ބައިތިއްބާއިރު، ހަމުގެ ކުލަ އަލި މީހުންނަށް ފަސޭހައިން ހިދުމަތް ލިބޭކަމަށް ވިދާޅުވެ، މަސްއޫދު ވަނީ ލަންކާގެ އިމިގްރޭޝަނަށް ނަސްލީ ތަފާތުކުރުން ގެންގުޅޭކަމުގެ ތުހުމަތު ވެސް ކުރައްވައިފަ އެވެ. 

"އަޅުގަނޑު ހަމަ ހައިރާންވޭ، ހަމައެކަނި ހަމުގެ ކުލަ އަލި މީހުންނަކީ ޓޫރިސްޓުން ކަމަށް ދެކޭތީ،" އޭނާ ވިދާޅުވި އެވެ. 

މީގެއިތުރުން، ޓްރެވަލް އޭޖެންޓުން މެދުވެރިކޮށް ވިސާއަށް ހުށަހެޅުމުން ވެސް ފަސޭހައިން ހިދުމަތް ލިބޭ ކަމަށް ވިދާޅުވެ، އެކަމުން ލަންކާ އިމިގްރޭޝަންގެ މުވައްޒަފުންނަށް މާލީ މަންފާއެއް ލިބޭކަމުގެ ތުހުމަތު ވެސް މަސްއޫދު ކުރެއްވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި، ދިވެހިންނާ މެދު މިހާ އިހާނެތިކޮށް ކަންތައް ކުރުމުގެ ސަބަބުން، ލަންކާއަކީ ބޭސްފަރުވާ އާއި ތައުލީމް ހާސިލުކުރުމުގެ ފުރަތަމަ މަންޒިލްގެ ގޮތުގައި ދިވެހިން ޒަމާނުއްސުރެ ދެކެމުން އައި ދެކުން ފަހަކަށް އައިސް ވަނީ ބަދަލުވެފަ އެވެ.

މިގޮތުން، ބޭސްފަރުވާ އާއި ތައުލީމް ހާސިލުކުރުމާއި ޓޫރިސްޓުންގެ ގޮތުގައި ލަންކާއަށް އަންނަ ދިވެހިންގެ އަދަދު 8،000 އިން މިހާރު 1،500 އަށް ދަށްވެފައިވާ ކަމަށް މަސްއޫދު ވިދާޅުވި އެވެ.

މީގެއިތުރުން، ލަންކާ އިމިގްރޭޝަނާއި ކަސްޓަމްސް ފަދަ ތަންތަނުން ދިވެހިންނާ ދިމާއަށް ހަޅޭއްލަވައި، މަގުބޫލު ސަބަބެއް ނެތި އެއާޕޯޓުގައި ހިފެހެއްޓުން ފަދަ އެތައް ކަމެއް ހިނގަމުންދާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

މިފަދަ ކަންތައްތަކާ ހެދި ތައުލީމް ހާސިލްކުރަން ވެސް އިންޑިއާއަށްދާ ދިވެހިންގެ އަދަދު އިތުރުވެފައިވާ ކަމަށް މަސްއޫދު ވިދާޅުވި އެވެ.

މިކަންކަން ރަނގަޅު ނުކުރާނަމަ، ރާއްޖެއަށް އަންނަ ލަންކާ ރައްޔިތުންނަށް ވިސާ ދިނުމުގެ އުސޫލު ހަރުކަށި ކުރަންޖެހިދާނެކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.