މާފަންނު ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ގެއާއި އިންވެ ހުރި ދެ އިމާރާތެއްގެ ކަރަންޓަށް ދިމާވި މައްސަލަ ކަަރަންޓް ކުންފުނި -- ސްޓެލްކޯ ގެ ސީއެސްއާރުގެ ދަށުން ހައްލުކޮށްދޭން ނިންމައިފި އެވެ.
ބުދަ ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި ނިރުފެހި ވަނީ މުޅީން އަނދާފައެވެ. ހަތަރުގަޑިއިރު ގެ ގަދަ އެނދުމާއެކު އިންވެ ހުރި ދެ ގެއަށްވެސް ބޮޑެތި ގެއްލުން ލިބުނެވެ. އެ ދެ ގޭގެ ކަރަންޓްގެ ހިދުމަތަށް ވަނީ ބުރޫއަރާފައެވެ.
ސްޓެލްކޯއިން ބުނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަޑައިގެން ލިބިފައި ހުރި ގެއްލުންތައް ބައްލަވާލެއްވި ކަަމަށެވެ. އަދި ރޯވި އިމާރާތާއި އިންވެ ހުރި ދެ އިމާރާތެއްގެ ކަރަންޓު މައްސަލަ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ހައްލު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެމްޑީގެ ޒިޔާރަތުގައި އެ މަސައްކަތް ކުރިއަށްދާ ގޮތްވެސް ބެއްލެވިއެވެ.
ބުދަ ދުވަހުގެ ރޭ ގެ އަލިފާނުގެ ހާދިސާއަކީ ރާއްޖޭގައި ހިނގި އެންމެ ބިރުވެރި / ހިތާމަވެރި އަލިފާނުގެ ހާދިސާ އެވެ. އެ ހާދިސާގައި 10 މީހަކު މަރުވިއެވެ. އެ މީހުން މަރުވީ އިމާރާތުން ނުނިކުމެ ތާށިވެގެން އަނދައިގެންނެވެ.
އަލިފާނުގެ ހާދިސާ ހިނގިއިރު ބައެއް މީހުން ތިބީ ނިދާފައެވެ. ހޭލެވުނުއިރު މުޅި އިމާރާތުގައި ހުޅު ވަނީ ހިފާފައެވެ. ބޭރަށް ނިކުމެވޭނެ ގޮތެއް ނެތި އަލިފާނުގައި ފިހި މަރުވީ އެވެ. މަރުވި މީހުންގެ ތެރޭގައި އަލިފާން ރޯވުމާއެކު ބޭރަށް ނިކުމެވުނު ނަަމަވެސް އިމާރާތުގައި ހުރި އެ މީހުންގެ ތަކެތި ބަލައި ފަހުން ވަތް ދެ މީހަކުވެސް ހިމެނެއެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ ދެމަފިރިންނެވެ. ތަކެތި ހިފައިން ނިކުމެވޭ ގޮތް ނުވީ އެވެ. އެ މީހުންގެ އެކުވެރީން ބުނާ ގޮތުގައި ފަހުން އިމާރާތުގެ ތެރެއަށް އެ މީހުން ވަނީ އެ މީހުންގެ ގަހަނާތަކާއި ރައްކާކޮށްފައި ހުރި ފައިސާކޮޅު ބަލައެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަ ފިރިހެނުންނާއި ހަތަރު އަންހެނުންނެވެ. އެއީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެކެވެ. އަދި އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނަކާއި ބަންގްލަދޭޝް ފިރިހެނެކެވެ.