މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުލް ރައްޒާގް ހަލީމް ވިދާޅުވީ، މި ތާރީހީ ކާމިޔާބީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު އުއްމީދެއް ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ނޭޝަނަލް ފާޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު ދަރިއަކު އުފަންވެއްޖެ އެވެ.
މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުލް ރައްޒާގް ހަލީމް ވިދާޅުވީ، މި ތާރީހީ ކާމިޔާބީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު އުއްމީދެއް ކަމަށެވެ.
"މި ފުރުސަތުގައި، މި މަސައްކަތުގައި ޝާމިލްވި މި ހޮސްޕިޓަލުގެ ނޭޝަނަލް ފާޓިލިޓީ ސެންޓަރުގެ ޓީމަށާއި އެ ޓީމަށް ތަފާތު ގޮތްގޮތުން އެހީތެރިވި އެހެނިހެން ޑިޕާޓްމަންޓުތަކަށް ޝުކުރާއި މަރުހަބާ ދަންނަވަން. އެ ބޭފުޅުންގެ މިންނެތް މަސައްކަތަށް އަޅުގަނޑުމެން ފަހުރުވެރިވަން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީމް ވިދާޅުވި އެވެ.
އައިވީއެފްގެ ހިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިވެހި އާއިލާތަކަށް އުފުލަމުންދިޔަ ބޮޑު ތަކުލީފެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، 15 ނޮވެންބަރ 2024 ގައި ހުޅުވައިދެއްވި ނެޝަނަލް ފާޓިލިޓީ ސެންޓަރަކީ، ދިވެހި އާއިލާތަކަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ.
ފާޓިލިޓީ ސެންޓަރުގެ އިތުރުން، އެންޑޯމެޓްރިއޯސިސް އަދި ޕެލްވިކް ކްލިނިކުގެ ނަމުގައި ކްލިނިކެއް، އައި.ޖީ.އެމް.އެޗް.ގައި ވަނީ ގާއިމުކޮށްފަ އެވެ. ހަމަމިއާއެކު، "އެންޑޯމެޓްރިއޯސިސް" އަދި "ޕީސީ.އޯ.އެސް."ގެ ފަރުވާ، އާސަންދަ ސްކީމުން ލިބޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖައްސާފަ އެވެ.
މި ހިދުމަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، ސަރުކާރުގެ ބަޖެޓުން 15 މިލިއަން ރުފިޔާ ކަނޑައަޅައި، ފާޓިލިޓީ ކެއާ ފަންޑެއް މިހާރުވާނީ ގާއިމުކޮށްފަ އެވެ.