މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ލިބުމުންކަމަށްވާތީ، އެ ރިޕޯޓް ލިބުމުން އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނެކަމަށް ޕީޖީން ބުންޏެވެ.

ފީފާއިން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ދިން ފައިސާއަށް ހިޔާނާތްތެރިވެ، އަމިން އެވެނިއު އިން އެ އެސޯސިއޭޝަބްގެ ކުރީގެ ރައީސް ބައްސާމް ބައްސާމް އަދީލް ޖަލީލް ޕެންޓްހައުސް ގަތް މައްސަލައިގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް އުފުލި ދައުވާ ސާބިތު ނުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް އިސްތިއުނާފުކުރަން ގަސްދުކުރާކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.
ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ދިނުމަށް ފީފާއިން ފޮނުވި އެ ފައިސާ، ޑޮލަރު މާރުކުރަން ކަމަށް ބުނެ އޮޅުވާލައިގެން އަމިން އެވެނިއުގެ ދެ ޕެންޓްހައުސް ގަންނަން ހަރަދުކޮށްފައިވާކަމަށް ބުނެ ބައްސާމްގެ މައްޗަށް އުފުލި ހިޔާނާތާއި މަނީލޯންޑަރިންގެ ދައުވާ ވަނީ ސާބިތުވެފަ އެވެ.
އެ މައްސަލައިގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް އުފުލާފައި ވަނީ މަނީލޯންޑާ ކުރުމަށް އެހީތެރިވެދިނުމުގެ ދައުވާ އެވެ. ދައުލަތުން އެ ދައުވާކުރީ ބައްސާމް އެ ދެ ޕެންޓްހައުސް ގަތުމަށް ހިންގި މުއާމަލާތުގައި އެ ކުންފުނިން އޮޅުވާލައިގެން މަނީ ލޯންޑްރިންއަށް އެހީވި ކަމަށް ބުނެ އެވެ.
އެފްއޭއެމްގެ ޑޮލަރު އެ ކުންފުނީގެ އެކައުންޓަށް ޖަމާވި ކަމަށް އިންކާރުކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ފައިސާ އެފްއޭއެމްއާ ހަވާލުނުކޮށް، އެ ފައިސާއިން ބައްސާމް ދެ ޕެންޓްހައުސް ގަނެފައިވާކަމަށް ވަނީ އިންކާރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ، އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު މާރުކުރަން އަމިން ކޮންސްޓްރަކްޝަނަށް ޖަމާކޮށްފައިވާ ކަމަށާއި، އެ ޑޮލަރަށްވާވަރަށް ނަގުދު ފައިސާ، އެފްއޭއެމްގެ މުވައްޒަފެއް ކަމަށްވާ ހަސަން ވަހީދާ ހަވާލުކޮށްފައިވާކަން އެނގޭ ކޭޝް ވައުޗާތަކެއް ހުރި ކަމަށެވެ.
އެއީ ސައްހަނޫން ވައުޗާތަކެއް ކަމަށް ދައުލަތުން ބުނި ނަމަވެސް، އެކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށްވެސް ހުކުމުގައި ބުންޏެވެ. އެހެންކަމުން ހެކިތަކަށް ރިއާޔަތްކޮށް، އެފައިސާ އެފައިސާ އެފްއޭއެމްއަށް ދިންކަމަށް ވަނީ ސާބިތުވެފަ އެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި ދައުވާ ސާބިތުނުވާކަމަށް ހުކުމްކޮށްފައިވަނީ ޝަރުއީ އަދީ ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށް ބެލެވޭ ކަމަށެވެ.
"އެހެންކަމުން އަމިން ކޮންސްޓްރަކްޝަންގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މި އޮފީހުން ގަސްދުކުރަމެވެ،" ބަޔާނުގައި ބުންޏެވެ.
ނަމަވެސް، މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ލިބުމުންކަމަށްވާތީ، އެ ރިޕޯޓް ލިބުމުން އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނެކަމަށް ޕީޖީން ބުންޏެވެ.
މި މައްސަލައިގައި އެފްއޭއެމްގެ ފިނޭންސްގެ ކުރީގެ ހެޑު މުހައްމަދު އަގީލާއި އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ހަސަން ވަހީދުގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފަ އެވެ.
މި މައްސަލައިގައި، ބައްސާމް އިތުރު 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
މަނީ ލޯންޑަރިންގެ ދައުވާއަށް ކަނޑައަޅާފައި ވަނީ 15 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ލޯންޑާކިރި 44.4 މިލިއަން ރުފިޔާ ދެއްކުމަށް ބައްސާމްގެ މައްޗަށް އަމުރުކޮށްފައިވެ އެވެ. އޭގެ އިތުރުން މަނީލޯންޑާ ކުރިކަމަށް ބުނާ 5.8 މިލިއަން ރުފިޔާ ހުރި ތަނެއް ހޯދައި ދައުލަތަށް ނެގުމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.
މި ދެ ދައުވާއަށް ޖުމްލަ 23 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. މި ހުކުމް އިއްވިއިރު، އިތުރު ދައުވާތަކެއް ސާބިތުވެ، އޭނާ މިހާރު ވެސް ހުރީ ނުވަ އަހަރު ދުވަހުގެ ޖަލު ހުކުމެއްގަ އެވެ. އެހެންކަމުން ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް އޭނާ ތަންފީޒު ކުރަން ޖެހޭނެ އެވެ.