އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހުކުރަން ސަރުކާރުން އުޅޭ ކަމަށް ބުނެ، އިއްޔެގެ ޖަލްސާގެ ބަހުސްގައިވެސް އެމްޑީޕީން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފަ އެވެ.

ރައްޔިތުންގެ މަޖިލީސް ޗުއްޓީގައި އޮއްވައި މިހާރު ދައުރުން ބޭރުން ބާއްވަމުން ގެންދަނީ ގާނޫނުއަސާސީއާ ހިލާފު ޖަލްސާތަކެއް ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން އެ ޖަލްސާތައް ބޮއިކޮޓް ކޮށްފި އެވެ.
މަޖިލީހުން އިއްޔެ ވަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި އަދި މިއަދަށް ވެސް ޖަލްސާއެއް ތާވަލުކޮށްފަ އެވެ.
މިކަމާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޖަލްސާތައް ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ޗުއްޓީ ތެރޭގައި ކުއްލި ގޮތަކަށް ޖަލްސާތައް ބާއްވަމުންދަނީ އެކަށީގެންވާ ނޯޓިސްއެއް ދިނުމަކާ ނުލައި، ގާނޫނުއަސާސީގެ 83 ވަނަ މާއްދާއާއި 88 ވަނަ މާއްދާގެ އިމުން ބޭރުން ކަމަށެވެ. އަދި ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފަށް މިހާ އަވަސް އަރުވާލައިގެން މިކަން ކުރަން ޖެހޭ އެއްވެސް ކަހަލަ ހުއްޖަތެއް އަދި 'ކޮންސްޓްޓިއުޝަނަލް ކްރައިސިސް' އެއްވެސް ނެތްކަން ފާހަގަކުރައްވާފައިވެ އެވެ.
އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހުކުރަން ސަރުކާރުން އުޅޭ ކަމަށް ބުނެ، އިއްޔެގެ ޖަލްސާގެ ބަހުސްގައިވެސް އެމްޑީޕީން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފަ އެވެ.
މަޖިލިސް ގަވާއިދުގެ 45 ވަނަ މާއްދާގައިވާ ގޮތުން، ދައުރުން ބޭރުން ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ ތިން ބައިކުޅަ އެއް ބައި މެންބަރުން ސަބަބު ބަޔާންކޮށް ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް އެދިވަޑައިގެންފި ނަމަ، 14 ދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު އެވެ.