ޕްލޭނިން މިނިސްޓްރީން އެ އިމާރާތް ހިމެނޭ ސަރަހައްދު ސާފު ކުުރުމުގެ މަަސައްކަތް ފަށާފައި ވެއެވެ. އަނދާފައިވާ އިމާރާތުގެ އޮނިގަނޑުގައި ހިމެނޭ ބައިތައް ތަޅާލައި ބިން ސާފު ކުރާނެ އެވެ. ލޭބަރުން މިހާރު ވަނީ އެ މަސައްކަތަށް ނުކުމެފަ އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގައި މުޅި އިމާރާތް އަނދާ ހުލި ވެފައިވާއިރު އެ އިމާރާތުގެ ފާރުތައް ތަޅާލާ އެ ގޯތީގެ ބިން ސާފު ކުރުމުގެ މަަސައްކަތް މިއަދު ފަށައިފި އެވެ.
ރާއްޖޭގެ މިޒާމާނުގެ ތާރީހުގައި އެންމެ ގިނަ ބަޔަކު މަރުވި، އަލިފާނުގެ ހާދިސާގައި ނިރުފެހީގެ އިމާރާތް މުޅީން އަނދައި ދިޔައިރު އެ އަލިފާނުގެ ތެރޭގައި 10 މީހަކު މަރުވި އެވެ. އަދި ފިހުނު އެކަކު ހޮސްޕިޓަލުގައި ހާލު ދެރަކޮށް އެބައޮތެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު އިރު އޮއްސޭން ދަނިކޮށް ބުނީ އެ އިމާރާތް ހިމެނޭ ސަރަހައްދު ސާފު ކުުރުމުގެ މަަސައްކަތް ފަށާފައިވާ ކަަމަށެވެ. އަދި އަނދާފައިވާ އިމާރާތުގެ އޮނިގަނޑުގައި ހިމެނޭ ބައިތައް ތަޅާލައި ބިން ސާފު ކުރާނެ ކަމަށެވެ. އެ މިނިސްޓްރީގެ ލޭބަރުން މިހާރު ވަނީ އެ މަސައްކަތް ފަށާފަ އެވެ.
ބުދަ ދުވަހު ރޭ އަލިފާން ރޯވީ އިމާރާތުގެ ތިރީގައި ހުރި ގަރާޖެއްގަ އެވެ. ގަރާޖުގައި ހުރި ވެހިކަލްތަކާއި ހުރިހާ ސާމާނެއް ވަނީ އަނދައި ހުލިވެފަ އެވެ. އަދި އެ ސަރަހައްދުގައި އޮތް ޕިކަޕަކާއި ބައެއް ވެހިކަލްތައް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.
ވެހިކަލްތައް އެ ސަރަހައްދުން ނެގުމުގެ މަަސައްކަތް ވަނީ ކޮށްފަ އެވެ. އަދި ގަރާޖު ސާފުކޮށް އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށަން ވަނީ ތައްްޔާރުވެފައެވެ. އެ ގޭގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ހަތަރު ގަޑިއިރު އެނދި ފަހުންނެވެ. އެހެން ކަމުން ތަޅާން ޖެހޭ އިމާރާތް ވަނީ ވަރަށް ބޮޑަށް ބަލިވެފަ އެވެ.
އަލިފާނުގެ ހާދިސާގައި އަނދައިގެން މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ފެނުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަހު ސިފައިން އިމާރާތަށް ވަދެ ހޯދަނި ކޮށެވެ. އެ މީހުންގެ ހަށިގަނޑުތައް އިމާރާތުގެ ތެރެއިން ފެނުނުއިރު ވަރަށް ބޮޑަށް ވަނީ އަނދާފަ އެވެ. އެހެން ކަމުން އެއީ ކޮން ބައެއްކަން ދެނެގަންނަން ފަސޭހައެއް ނުވިއެވެ. އެއީ ބައެއް މީހުން ވަނީ ސިފަ ވަކި ނުކުރެވޭ ވަރަށާއި ޖިންސު ނޭނގޭ މިންވަރަށް އަނދާފައި ވުމުންނެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނުންނާއި ހަ ފިރިހެނުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެކެވެ. އަދި އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނަކާއި ބަންގްލަދޭޝް ފިރިހެނެކެވެ. ކާކުކަން ދެނެގަނެވިފައި ނުވަނީ ފިިރިހެނެކެވެ.