ކްރިމިނަލް ކޯޓުން ބުނީ ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް ދިގުލައި، ނުނިމި އޮތްއޮތުން ހައްލުވާނެކަން މިހާރު ހުރި ނަންބަރުތަކުން އެނގޭނެ ކަމަށެވެ.

ވާނުވާ ބަންދު ނުވަތަ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ މީހުންގެ މައްސަލަތައް މިއަހަރު ނިމުމުގެ ކުރިން ނިންމޭނެކަމަށް ކްރިމިނަލް ކޯޓުން އަންދާޒާކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު އާންމުކުރި އެ ކޯޓުގައި 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު 272 މީހަކު ވާނުވާ ބަންދަށްލާފައިވެ އެވެ. އެ މީހުންގެ ތެރެއިން އަހަރު ނިމުނުއިރު ބަންދުގައި ތިބީ 128 މީހުންނެވެ.
ކޯޓުން ބުނީ މިދިޔަ އަހަރު ނިމުނުއިރު އެ ކޯޓުން ޖުމްލަ 1،380 މައްސަލަ ނިންމާފައިވާ ކަމަށެވެ. އަހަރު ނިމުނުއިރު ނުނިމި 17،35 މައްސަލަ އެބައޮތެވެ. ކޯޓުގެ ހިންގުން ހުޅުމާލޭގެ ޖަސްޓިސް ބިލްޑިންގް އެނެކްސްއަށް ބަދަލުކުރިފަހުން ކޯޓުގެ ދުވެހި އިތުރުވެ، މިވަގުތު މަހަކު 175 މައްސަލަ ނިންމޭނެ ކަމަށް ކޯޓުން އަންދާޒާކޮށްފައިވެ އެވެ.
އަދި، މި އަންދާޒާގެ 85 ޕަސެންޓަށް މަސައްކަތްކުރެވުނު ކަމުގައިވިޔަސް، މި އަހަރު ނިމޭއިރު އެއް އަހަރަށްވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލައެއް ނިމޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
"ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އެއް އަހަރަށްވުރެ ގިނަ ދުވަސްވީ އެންމެހައި މައްސަލަތައް 2026 ވަނަ އަހަރު ނިމޭނެކަމީ، އާ އިމާރާތުގެ ސަބަބުން ކޯޓުން މައްސަލަ ނިންމާ ރޭޓަށް އައި ކުރިއެރުމަށް ބަލާއިރު، ކުރެވޭ އުންމީދީ އަންދާޒާއެއް،" އެ ކޯޓުން ބުންޏެވެ.
ކޯޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ވާނުވާ ބަންދުގައި ތިބި މީހުންގެ އެންމެ ގިނަ މައްސަލަތައް ބަލަނީ ގާޒީ ސަފްވަތު ހަބީބް އަދި މިދިޔަ މަހު މަގާމުން ވަކިކުރި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ. އެ ދެބޭފުޅުންގެ ސެކްޝަނުގައި 25 މީހުންގެ މައްސަލަ އޮތް ކަމަށް ނަންބަރުތަކުން ދައްކަ އެވެ. ދެވަނައަށް 18 މީހުންނާއެކު އެންމެ ގިނަ މީހުންގެ މައްސަލަ އޮތީ ގާޒީ އައިޝަތު ނުޒުހާގެ ސެކްޝަނުގަ އެވެ.
ކްރިމިނަލް ކޯޓުން ބުނީ ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް ދިގުލައި، ނުނިމި އޮތްއޮތުން ހައްލުވާނެކަން މިހާރު ހުރި ނަންބަރުތަކުން އެނގޭނެ ކަމަށެވެ. އަދި މިއަހަރު ނިމޭއިރު އެފަދަ އެއްވެސް ފަރާތެއް ވާނުވާ ބަންދުގައި ނުތިބޭނެކަމީ ކޯޓުގެ މަސައްކަތުގެ ދުވެއްޔާއި ކޯޓުގެ އަމާޒަށް ބަލާއިރު ހާސިލްވާނެ ލަނޑުދަނޑިއެއް ކަމަށްވެސް އެ ކޯޓުން ބުންޏެވެ.