އުމުރުން 75 އަހަރާ ހަމައަށް ވަޒީފާ އަދާކުރެވޭ ގޮތް ހަދަން ފާސްކޮށްފި

ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުން އަދި ގާނޫނުއަސާސީއާއި ގާނޫނެއްގެ ދަށުން އައްޔަން ކުރެވޭ މަގާމުތަކުގައި ތިއްބަވާ ފަރާތްތައް މި ގާނޫން އިސްތިސްނާވާނެ

އުމުރުން ދުވަސްވީ މީހެއް ހިނގާފައިދަނީ -- ސަންދާން ފޮޓޯއެއް

އުމުރުން 75 އަހަރާ ހަމައަށް ވަޒީފާ އަދާކުރުމުގައި ދެމިހުންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރު ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. 

ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ ޕީއެންސީ މެމްބަރު ހަނާން މުހައްމަދު ރަޝީދު ހުށަހެޅުއްވި ރީ-އެމްޕްލޯއިމަންޓްގެ ބިލަކީ ދައުލަތުގެ ވަޒީފާ އަދާކުރަމުން އަންނަ ފަރާތްތަކަށް އުމުރުން 75 އަހަރު ފުުރުމާ ހަމައަށް މަސައްކަތް ކުރުމުގެ މަގުފަހިކޮށްދީ، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމަށް ހުށަހެޅުއްވި ބިލެކެވެ. 

އަދި ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި އަމަލުކުރެވޭނެ އުސޫލުތައްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

އެ ބިލު މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް، ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގައި ފާސްކޮށްފައިވަނީ 46 މެމްބަރުންގެ ތާއީދާއެކު އެވެ. 

މިއަދު ފާސްކުރި ބިލުގައިވާ ގޮތުން، ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ ދެވޭނީ ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރަމުންދާ 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް އެދޭ މީހުންނަށެވެ. 

އަދި ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަތް އަހަރު ކުރިން ފެންޝަން ހައްގުވާ އުމުރު ހަމަވެ، ވަޒީފާއިން ވަކިވެފައިވާ މީހުންނަށްވެސް ވަޒީފާ ހަމަޖައްސައިދެވިދާނެ ކަމަށް ބަޔާންކޮށްފައި ވެ އެވެ.

ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސަން ޖެހޭނީ އަހަރުން އަހަރަށް އާ ކުރަންޖެހޭ އެއްބަސްވުމެއްގެ ދަށުންކަމަށް ކަނޑައަޅާފައިވާއިރު، އެ މުވައްޒަފު ކުރިން ހުރި މަގާމު ނުވަތަ އެހެން މަގާމަކަށްވެސް އައްޔަނުކުރެވިދާނެ ކަމަށް ވަނީ ހިމަނާފަ އެވެ. 

މި ބިލުގެ ދަށުން، އުމުރުން 65 އަހަރުވުމަށްފަހުވެސް ވަޒީފާގައި ދެމިތިބުމަށް ބޭނުންވާ މުވައްޒަފުން 65 އަހަރު ފުރުމުގެ ހަމަ މަސް ދުވަސްކުރިން ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހަޅަންޖެހޭނެ އެވެ. އަދި ކުރިން ވަޒީފާއިން ވަކިވެފައިވާ ފަރާތެއްނަމަ މި ގާނޫނަށް އަމަލުކުރަންފަާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހަޅަންޖެހޭނެ އެވެ.

ނަމަވެސް ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުން އަދި ގާނޫނުއަސާސީއާއި ގާނޫނެއްގެ ދަށުން އައްޔަން ކުރެވޭ މަގާމުތަކުގައި ތިއްބަވާ ފަރާތްތައް މި ގާނޫން އިސްތިސްނާވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.