ބިލު މަޖިލީހަށް ބަލައިގަތުމުން، ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ. ކޮމެޓީގެ ބައްދަލުވުމެއް މިއަދު ބާއްވައި، މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން މަސައްކަތް ނިންމުމަށްވެސް ވަނީ ފާސްކޮށްފަ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމަން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އެ އިސްލާހު ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
އެ ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ މަޖިލީހުގެ މެންބަރު ކަމަށް މީހުން ހޮވުމަށާއި ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ވާނީ ދެ އިންތިހާބު އެކީގައި ކަމަށް ކަނޑައެޅުން ކަމަށެވެ. އަދި މަޖިލީހުގެ ދައުރު ގުނުމުގެ އުސޫލު އިސްލާހު ކުރުމަށް ކަމަށެވެ.
އެ ބިލުގައި ވަނީ، މަޖިލީސް އިންތިހާބު ބާއްވަންވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވަން ބާއްވާ ރިޔާސީ އިންތިހާބާ އެކުގައި ކަމަށެވެ. އަދި މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ވެސް އެ ބިލުގައިވެ އެވެ.
މިއަދު ދައުރުން ބޭއްވި ޖަލްސާގައި މި ބިލު ބަލައިގެންފައި ވަނީ 46 މެންބަރުންގެ ވޯޓުންނެވެ.
ބިލު މަޖިލީހަށް ބަލައިގަތުމުން، ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ. ކޮމެޓީގެ ބައްދަލުވުމެއް މިއަދު ބާއްވައި، މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން މަސައްކަތް ނިންމުމަށްވެސް ވަނީ ފާސްކޮށްފަ އެވެ.
މި އިސްލާހު ފާސްވެ، އަމަލު ކުރަން ފެށުމުން 2028 ގެ ރިޔާސީ އިންތިހާބާއި 2029 ގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެކީގަ އެވެ. އަދި މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ދައުރު ޑިސެމްބަރު 1، 2028 އަށް ހަމަވާނެ އެވެ.
މިހާރުގެ މަޖިލީސް ދައުރު ފެށުނީ މެއި 28، 2024 ގައެވެ. ގާނޫނު އަސާސީ މިހާރު އޮތް ގޮތުން ފަސް އަހަރުގެ ދައުރު ހަމަވާނީ މެއި، 2029 ގައެވެ. ނަމަވެސް މި އިސްލާހަށް އަމަލުކުރަން ފެށުމާއެކު ފަސް މަހެއްހާ ދުވަސް މި ދައުރުން އުނިވެގެން ދާނެ އެވެ.