މިނިސްޓަރު ވިދާޅުވީ އެސްޓީއޯއިން މި ބާވަތްތައް ރަށްރަށުގައި ފޯރުކޮށްދޭނީ ކުދި ވިޔަފާރިތަކަށް ވިއްކޭނެ އަގުތަކުގައި ހޯލްސޭލްކޮށެވެ.

އަސާސީ ބާވަތުގެ ލިސްޓަށް އަލަށް އިތުރުކުރި ބާވަތްތައް ރައްޔިތުންނަށް ލިބޭނެކަން ސަރުކާރުން ޔަގީންކުރާނެ ކަމަށާ، އެސްޓީއޯއިން ރަށްރަށުގައި ކުރާނީ ހޯލްސޭލް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.
ރައީސް އޮފީހުން އަލަށް ފެށި "ތަރުޖަމާނާއެކު" ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެއްވި 23 ބާވަތްތަކުގެ އަގުތައް ބޮޑުވިޔަ ނުދޭނެކަން ޔަގީންކުރާނެ އެވެ. މިތަކެތި ހޯލްސޭލްކޮށް ވިއްކުމަށް މާލޭ ބަނދަރުމަތީގައި އެސްޓީއޯގެ ފިހާރައެއް ހުޅުވާލާފައިވާއިރު، ރަމަޟާން މަހަށް ހުޅުމާލޭގައި ފިހާރައެއް ހުޅުވުމުގެ މަސައްކަތް އެސްޓީއޯ އިން ކުރައްވަމުން ގެންދަވާ އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ ސިޓީތަކުގެ ގޮތުގައި ކަނޑައަޅާފައި ހުރި ތަންތަނުގައި ހިދުމަތް ފަށަން އެސްޓީއޯއިން ތައްޔާރުވަމުންދާ ކަމަށާ މިގޮތުން 3000 އިން މަތީގެ އާބާދީތަކަށް މިހާރު އެސްޓީއޯގެ އެޖެންޓުން މެދުވެރިކޮށް މިތަކެތި ލިބޭނެ އިންތިޒާމްތައް ރަމަޟާން މަހަށް ހަމަޖެހިގެންދާނެ އެވެ.
"މި މަސައްކަތް ނިމޭއިރުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ކޮންމެވެސް ސިފައެއްގައި އެސްޓީއޯ މެދުވެރިވެގެން. މިތަކެތި ލިބޭނެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނެ. މިކަން މިކުރާ ގޮތަކީ އެސްޓީއޯއިން ގޮސް މާލޭގައި ވެސް ހޯލްސޭލްކޮށް މިދޭ އަގުގައި މިދެނީ ރީޓެއިލްއެއް ނުކުރާނެ. އެކަމަކު ރީޓެއިލް ކުރަންޖެހޭ ހާލަތެއްގައި ނޫނީ ނުކުރާނެ،" ސައީދު ވިދާޅުވި އެވެ.
ސަރުކާރުން ވަނީ އަސާސީ ބާވަތުގެ އަދަދު 23 އަށް އިތުރުކޮށްފަ އެވެ. މި ލިސްޓުގައި ހިމެނެނީ ހަނޑޫ ހަކުރު ފުށުގެ އިތުރުން 10 ބާވަތުގެ ތަރުކާރީ އާއި 10 ބާވަތުގެ މޭވާ އަދި އިތުރު ކާނާގެ ތިން ބާވަތެކެވެ.