ބޭސް ނުލިބޭ މައްސަލައަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ: ނާޒިމް

ބޭރު ގައުމުތަކުގައި ބޭސްވެރިކަމާ، ބޭސް އުފެއްދުމާ، ބޭސް ސަޕްލައި ކުރުމަކީ ވަކި ނިޒާމެއްގެ ތެރެއިން ޕްރޮފެޝަނަލީ ކުރާ ކަމެއް ކަމަށާއި، ރާއްޖޭންވެސް މަސައްކަތް ކުރަމުންދަނީ އެމަގުންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް

ބޮޑެތި ދާއިމީ ބަލިތައް ތަހައްމަލްކުރާ މީހުން ހިމެނޭހެން، ބަލި މީހުން ބޭނުންވާ ބައެއް ބޭސްތައް ރާއްޖެއިން ނުލިބޭ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

މުހިންމު ބައެއް ބޭސްތައް ރާއްޖެއިން ލިބުން ދަތިވެ، ބޮޑު އަގުގައި ގަންނަން ޖެހޭ މައްސަލަ ބޮޑުވެފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވިއިރުވެސް އާންމުން އެންމެ ގިނައިން ކުރި އެއް ޝަކުވާއަކީ އެކީއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެ މައްސަލައަށް 100 ޕަސެންޓް ހައްލު ލިބޭނެ ދުވަހެއް ނޭންގުނު ނަމަވެސް، މައްސަލަ ހައްލުކުރަން ގިނަ ފިޔަވަޅުތަކެއް އަޅައި، މިހާރުވެސް ބޮޑެތި ލުއިތަކެއް ލިބެމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ކުރާއިރު ގިނަ ގޮންޖެހުންތަކާ ވެސް ކުރިމަތިވާ ކަމަށެވެ. އެގޮތުން ކޮންޓްރޯލްޑް ޑްރަގްގެ ލިސްޓާއި އެސެންޝަލް މެޑިސިން ލިސްޓް ފުޅާވުމުގެ އިތުރުން ސަޕްލައިއަށް ބަރޯސާވުމާއި އަގުތައް ކޮންޓްރޯލް ކުރުންފަދަ ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ.

"މީގަ އެބަހުރޭ ގަވަނެންސް ނިޒާމުގެ ތެރެއިން ކުރަންޖެހޭ ކަންތައްތަކާ، ބޭސް ސަޕްލައިކުރަން ކުރަން ޖެހޭ ކަންތައްތަކަކާ، އާސަންދައިން ލިބޭން މިއިންނަ ނިޒާމުގަ އެޑްމިނިސްޓްރޭޓިވް ޕްރޮސެސްގެ ތެރޭގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކާ، މިހުރިހާ ކަމަކަށް ރިއާޔަތް ކުރެވިގެން މި މަސައްކަތް މި ކުރެވެމުންދަނީ،" މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ބޭސް ނުލިބޭ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ އެއް މަސައްކަތަކީ އެސްޓީއޯގެ ސަޕްލައި ވަރުގަދަކުރުން ކަމަށެވެ. މީގެކުރީގައި އެސްޓީއޯއިން 200 ބޭސް އެތެރެކުރާނަމަ މިހާރު 800 ބޭސް އެތެރެކުރަމުންދާކަން މިސާލު ޖައްސަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އަނެއްކަމަކަށް މިނިސްޓަރު ފާހަގަކުރެއްވީ އެސްއޯޕީތައް އެކުލަވައިލައި ޓްރީޓްމެންޓް ގައިޑްލައިންތައް ހަރުދަނާކުރުމެވެ. އޭގެ އިތުރުން ވަކި ބްރޭންޑެއްގެ ބޭސް ހޯދަން ޕޭޝަންޓް އައުމުގެ ބަދަލުގައި އެ ބޭހުގެ ޖެނެރިކްއަށް ބަލައިގެން ބޭސް ޕްރިސްކްރައިބް ކުރުމަށް ޑޮކްޓަރުން އެ ނިޒާމަށް އަހުލުވެރިކުރުމެވެ.

"މިކަންތައްތައް ރަނގަޅު ކުރެވެމުންދާވަރަކަށް އަޅުގަނޑުމެންނަށް މީގެ ލުއި ލިބެމުންދާތަން އެބަ ފެނޭ. ދާއިލީ ހައްލަކަށް ދެވެން އޮތް އެންމެ ބޮޑު ހައްލަކީ ތެލާ މިކަންކަމަށް ހާއްސަ ކުންފުނިތައް ހުންނަފަދައިން، ރާއްޖޭގައި މިކަމަށް [ބޭސް އެތެރެކުރުން] ޒިންމާވާނެ ހާއްސަ ކުންފުންޏެއް ގާއިމްކުރެވުން،" މިނިސްޓަރު ވިދާޅުވި އެވެ.

ބޭރު ގައުމުތަކުގައި ބޭސްވެރިކަމާ، ބޭސް އުފެއްދުމާ، ބޭސް ސަޕްލައި ކުރުމަކީ ވަކި ނިޒާމެއްގެ ތެރެއިން ޕްރޮފެޝަނަލީ ކުރާ ކަމެއް ކަމަށާއި، ރާއްޖޭންވެސް މަސައްކަތް ކުރަމުންދަނީ އެމަގުންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ބޭސް ސަޕްލައި ކުރަން އުފެއްދި ކުންފުންޏާއެކު މައްސަލައަށް ދާއިމީ ހައްލެއް ދާދި އަވަހަށް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.