އެމްޓީސީސީއަށް މަޝްރޫޢުތަކުން ލިބެންޖެހޭ ފައިސާގެ އަދަދު އުޅެނީ 1.18 ބިލިއަން ރުފިޔާ އެވެ.

ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް ހިންގާ އެމްޓީސީސީ އަށް ލިބެން ޖެހޭ ފައިސާގެ އަދަދު 2.36 ބިލިއަން ރުފިޔާ އަށް ވުރެ މަތިވެފައިވާ ކަމަށް ދައްކައިފި އެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރުގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓް ދައްކާ ގޮތުން ސަރުކާރުގެ ޕްރޮޖެކްޓްތައް ހިންގާ ކުންފުންޏަށް 2.36 ބިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ނުލިބި ހުރިއިރު، މީގެތެރޭން ވިޔަފާރީގެ މުއާމަލާތްތަކުން ލިބެންޖެހޭ ފައިސާގެ އަދަދު އުޅެނީ 1.15 ބިލިއަން ރުފިޔާގަ އެވެ. އަދި އެހެނިހެން ގޮތްގޮތުން ލިބެންޖެހޭ ފައިސާގެ އަދަދު 30 މިލިއަން ރުފިޔާއަށް އަރަ އެވެ. މީގެ އިތުރުން މަޝްރޫޢުތަކުން ލިބެންޖެހޭ ފައިސާގެ އަދަދަކީ 1.18 ބިލިއަން ރުފިޔާ އެވެ.
އެމްޓީސީސީގެ މާލީ ރިޕޯޓުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ލިބެންޖެހޭ ފައިސާގެ ޢަދަދު ވަނީ ގާތްގަނޑަކަށް ދެ ޕަސެންޓު އިތުރުވެފަ އެވެ. ލިބެންޖެހޭ ފައިސާގެ ބޮޑު ބައެއް ހިއްސާކުރަނީ ސަރުކާރުގެ އިންފްރާސްޓްރަކްޗާ މަޝްރޫޢުތަކުން ލިބެންޖެހޭ ފައިސާ އެވެ.
މި ރިޕޯޓުން އެނގޭ ގޮތުގައި މި ކުއާޓަރުގައި އެމްޓީސީސީއަށް ލިބިފައިވަނީ 662.64 މިލިއަން ރުފިޔާ އެވެ. މިއީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 7.5 % ގެ ދަށްވުމެކެވެ. އަދި ޓެކްސްއަށް ކަނޑައެޅުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 6.5 މިލިއަން ރުފިޔާ އެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 74.6% ގެ ބޮޑު ދަށްވުމެކެވެ.މި ކުއާޓަރުގައި އެމްޓީސީސީ އިން ހަ އާ މަޝްރޫއެއް ފަަށައި ފަސް މަޝްރޫޢެއް ވަނީ ނިންމާފަ އެވެ. ކުއާޓަރު ނިމުނުއިރު ޖުމްލަ 116 މަޝްރޫޢެއް ކުރިއަށްދެ އެވެ.