ވެނުޒުއޭލާގެ ސުޕްރީމް ކޯޓުގެ އަމުރަކާއެކު އަލުން ވަނީ ވެރިކަމުގެ ނިޒާމު ކުރީގެ ގޮތަށް ފަންގްޝަން ކުރަން ފަށާފަ އެވެ. އަދި ވެރިރަށް ކަރާކަސްގެ މަގުތަކަށް ވަނީ ރައީސް މަދޫރޯ ދޫކޮށްލަން ރައްޔިތުން ނުކުމެ އަޑު އުފުލަމުންނެވެ.

އެމެރިކާ އިން ވެނެޒުއޭލާއަށް އަނިޔާވެރި ހަމަލާއެއް ދީ، ރައީސް ނިކޮލަސް މަދޫރޯ ވަގަށް ނެގިޔަސް، އެ ގައުމުގެ ރައްޔިތުން އެ ގައުމަށް ބޯ ނުލަނބާނެކަން ސާބިތުކޮށް ދޭން ފަށައިފި އެވެ.
ދުނިޔޭގެ ސުޕަޕަވާގެ މެޑަލް ޖަހައިގެން ސުލަހައިގެ އިނާމަށް ދައުވާކުރާ އެމެރިކާއިން ވަނީ 12 ހަނގުރާމަ މަތީ މަނަވާއެރު ކެރީބިއަންގެ ވެނެނުޒޭލޭ ވަށާލައި ރޭގެ ދަންވަރުގެ ވަގުތެއްގައި އެ ގައުމަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އަދި އެއަށްފަހު އެ ގައުމަށް ސިފައިން ބާލައި ރައްޔިތުން އިންތިހާބުކުރި ރައީސް ނިކޮލަސް މަދޫރޯ ވަގަށް ނަގައިގެން އެމެރިކާއަށް ގެންގޮސްފަ އެވެ.
މި ހަމަލާއަށްފަހު އެމެރިކާ އިން ގަބޫލުކުރީ އެ ގައުމަށް ސަޕޯޓުކޮށް ވެނެޒުއޭލާގެ ވެރިކަމުގެ ނިޒާމު އެއްކޮށް ބަދަލު ކުރަން ރައްޔިތުން މަގުތަކަށް ނުކުންނާނެ ކަމަށެވެ. ނަމަވެސް އެމެރިކާ ހީކުރި ގޮތަށް ހިލާފަށްއެކަމެއް ނުވި އެވެ.

ވެނެޒުއޭލާގެ ސުޕްރީމް ކޯޓުން ވަނީ މި މައްސަލާގައި އަމުރެއް ނެރެފަ އެވެ. އެ އަމުރުގައިވާ ގޮތުން ތެލާބެހޭ މިނިސްޓަރު ޑެލްސީ ރޮޑްރިގޭޒް ވަނީ ކުރިއަށް އޮތް 90 ދުވަހަށް އެ ގައުއުމުގެ ވަގުތީ ރައީސްގެ މަޤާމަށް އައްޔަން ކުރަން ޖެހެ އެވެ.
މި އަމުރަށްފަހު ރޫޅިދާނެ ކަމަށް ހީވި ކަރާކަސްގެ ވެރިކަމުގެ ނިޒާމު އަލުން ވަނީ އެކުލާލާފަ އެވެ. އަދި ވެރިރަށް ކަރާކަސް އިން މިހާރު އިވެމުން ދަނީ ރައީސް މަދޫރޯ މިނިވަން ކުރުމުގެ އަޑު ތަކެވެ. ވަަގަށް ނަގައިގެން އެމެރިކާއިން ގެންދިޔަ ރައީސް މަދޫރޯ ދޫކޮށްލަން އެދި މަގުތަކަށް ނުކުމެ މުޒާހަރާ ކުރާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފަ އެވެ. އަދި އެމެރިކާއިން ވެނެޒުއޭލާގައި ހިންގި އަސްކަރީ ހަރަކާތާ ދެކޮޅަށް އެމެރިކާގެ އެކި ސިޓީތަކުގައި މުޒާހަރާ ކޮށްފައިވެ އެވެ.
ލޮސް އެންޖެލިސްގެ މެދުތެރޭގައި "ވެނެޒުއޭލާއަށް ބޮން އެޅުން މިހާރު ހުއްޓާލާ!" އަދި "ތެލަށްޓަކައި ލޭ ނު އޮހުވާ" ފަދަ ޝިއާރުތައް ބޭނުންކޮށްގެން މުޒާހަރާކޮށްފައިވެ އެވެ.
ވެނެޒުއޭލާގެ ދިފާއީ ފައުޖަށް ބޮޑެތި ގެއްލުންތަކެއް ދިން އެމެރިކާގެ މި ޓެރެރިސްޓް ހަމަލާއާ ބެހޭ ގޮތުން އެ ޤައުމުގެ ޑިފެންސް މިނިސްޓަރު ލަޑީމިއަރ ޕަޑްރީނޯ ލޮޕޭޒް ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރުކޮށްގެން ގެންދިޔަ ގެންދިއުމަކީ "ފިނޑި ކިޑްނެޕް ކުރުމެއް" ކަމަށާ އެމެރިކާގެ އަމަލުތައް ކުށްވެރިކުރައްވައިފިއެވެ. އޭނާ އިތުރަށް ވިދާޅުވީ ރައީސްގެ ބައެއް ބޮޑީގާޑުންނާއި އަސްކަރީ ސިފައިން އަދި އާންމުންގެ ބަޔަކު "ރަހުމެއްނެތި" އެމެރިކާ އިން ވަނީ މަރާލާފަ އެވެ.
އާދީއްތަ ދުވަހު ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ޕަޑްރީނޯ ލޮޕޭޒް ވަނީ އެ ޤައުމުގެ ސުޕްރީމް ކޯޓުން ނެރުނު ހުކުމަކަށް ތާއީދުކުރައްވާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވޮޝިންގްޓަނަށް ރޮޑްރިގޭޒް އެއްބާރުލުން ނުދީފިނަމަ އޭނާ ވަރަށް ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ.