އެ މީހަކު ކަނޑައަޅާ އަދަދެއްގެ ނުވަތަ އެ އެކައުންޓްގައި ހުންނަ ހުރިހާ ފައިސާއެއް އެކި ފަހަރުމަތިން ނުވަތަ އެއްފަހަރާ ވެސް ދޫކުރެވިދާނެ އެވެ.

އަހަރަކަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެކަމަށް ޑޮކްޓަރުން އުއްމީދު ކަނޑާލާފައިވާ މީހުންނަށް، އެ މީހެއްގެ ޕެންޝަން ފައިސާ ނެގޭ ގޮތް ހަދަން، ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން މުފީދު އަބްދުލްގާދިރު ޕެންޝަން ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ، ރިޓަޔާމެންޓް ޕެންޝަން އެކައުންޓްގައި ހުންނަ ފައިސާ ނެގޭނީ 65 އަހަރުވުމުން ކަމަށްވިޔަސް "ޓާމިނަލް އިލްނަސް"ގެ ހާލަތުގައި ތިބޭ މީހުންނަށް އެ އުމުރު ހަމަނުވިޔަސް އެ ފައިސާ ނެގިދާނެ ކަމަށެވެ.
"ޓާމިނަލް އިލްނަސް" ކަމަށް އެ އިސްލާހުގައި މާނަކޮށްފައިވަނީ، އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިން ކަމުގައި ވިޔަސް 12 މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް އެ މީހަކު ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް ސްޕެޝަލިސްޓް ޑޮކްޓަރަކު ކަނޑައަޅާފައިވާ ހާލަތެވެ.
އެ ބިލުގައިވާ ގޮތުން އެފަދަ ހާލަތެއްގައިވާ މީހަކު ޕެންޝަން ސޭވިންގްސް އެކައުންޓްގައިވާ ފައިސާ ދޫކުރަން ހުށަހަޅާ ހާލަތުގައި އެ މީހަކު ކަނޑައަޅާ އަދަދެއްގެ ނުވަތަ އެ އެކައުންޓްގައި ހުންނަ ހުރިހާ ފައިސާއެއް އެކި ފަހަރުމަތިން ނުވަތަ އެއްފަހަރާ ވެސް ދޫކުރެވިދާނެ އެވެ.
މީގެއިތުރުން ވެސް، ޕެންޝަނާ ބެހޭ ގާނޫނަށް އިތުރު އިސްލާހުތަކެއް ގެންނަން ހުށަހަޅާފައިވާއިރު، އޭގެތެރޭގައި، ގެދޮރު ގަތުމުގެ އިތުރުން ގެދޮރު އިމާރާތް ކުރުމާއި މަރާމާތުކުރަން ދައްކަން ޖެހޭ ޑައުންޕޭމަންޓް ދައްކަން ޕެންޝަން އެކައުންޓުގައި ހުންނަ ކޮލެޓްރަލައިޒް ކުރެވޭ ގޮތަށް ބަދަލުކުރުން ހިމެނެ އެވެ.
ދާއިމީ ބަލިތަކާއި ދިރިއުޅުމުގައި ދިމާވާ ބޮޑެތި ކަންކަމުގައި ޕެންޝަން އެކައުންޓުގައި ހުންނަ ފައިސާ ބޭނުންނުކުރެވޭތީ އާންމުން ޝަކުވާ އަބަދުވެސް ބޮޑެވެ.
މިގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން މާލޭގެ ރައްޔިތުންނާ އެކި ބޭއްވެވި ސިލްސިލާ ބައްދަލުކުރެއްވުންތަކުގައި ވެސް ގިނަ ބަޔަކު ވަނީ އެ ޝަކުވާ އުފުލައިފަ އެވެ.