މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ ޑޮލަރު މާރުކުރަން ކަމަށް ބުނެ އެފްއޭއެމްއިން ނެރުނު ޑޮލަރުގެ ބަދަލުގައި ދިވެހި ފައިސާ އެތަނުގެ އެއްވެސް އެކައުންޓަކަށް ވަދެފައިވާކަން އެނގެން ނެތް ކަމަށެވެ.

ފީފާއިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ފޮނުވި 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ، އެފައިސާ ލޯންޑާކުރިކަން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ސާބިތުވެއްޖެ އެވެ.
ހިޔާނާތްތެރިވުމުގެ ދައުވާ އާއި މަނީލޯންޑަރިންގެ އިތުރުން ދައުވާއެއް ބައްސާމްގެ މައްޗަށް އުފުލާފައި ވަނީ ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ދިނުމަށް ފީފާއިން ފޮނުވި ފައިސާއަށް ހިޔާނާތްތެރިވެފައިވާތީ އެވެ. ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ އެ ފައިސާ ބައްސާމް ބޭނުންކޮށްފައި ވަނީ ޑޮލަރު މާރުކުރަން ކަމަށް ބުނެ އޮޅުވާލައިގެން އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށެވެ.
މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ ޑޮލަރު މާރުކުރަން ކަމަށް ބުނެ އެފްއޭއެމްއިން ނެރުނު ޑޮލަރުގެ ބަދަލުގައި ދިވެހި ފައިސާ އެތަނުގެ އެއްވެސް އެކައުންޓަކަށް ވަދެފައިވާކަން އެނގެން ނެތް ކަމަށެވެ.
މި މައްސަލައިގައި އިތުރު ބަޔަކަށް ވެސް ދައުވާކޮށްފައިވެ އެވެ. އެއީ އެފްއޭއެމްގެ ފިނޭންސްގެ ކުރީގެ ހެޑު މުހައްމަދު އަގީލާއި އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ހަސަން ވަހީދެވެ. އެމީހުންގެ މައްޗަށް ހުކުމް ކުރުން އޮތީ އެހެން ދުވަހެއްގަ އެވެ.
ބައްސާމްގެ މައްޗަށް ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅި ނަމަވެސް މިއަދު އަދަބު ކަނޑައަޅާފައެއް ނުވެ އެވެ. އެ އަޑުއެހުން އޮންނާނީ އެހެން ދުވަހެއްގަ އެވެ.
މިހާރުވެސް އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ދެ މައްސަލައެއް ސާބިތުވެ، ބައްސާމް ހުރީ ނުވަ އަހަރަށް ޖަލަށްލާފަ އެވެ.