މި މަޝްރޫޢުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިހާތަނަށް ޖުމްލަ 49 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.

ހުޅުމާލެއިން ގޯތިދޭން ހިއްކަމުންދާ ސަރަހައްދުގެ ބޮޑުބައިގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި އެވެ.
ބިން ހިއްކުމުގެ މަސައްކަތް ކުރާ އެމްއޭސީއެލް އިން ބުނީ ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތުގެ 77.78 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި މިހާތަނަށް ޖުމްލަ 49 ހެކްޓަރުގެ ބިން ވަނީ ހިއްކާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ބިން ހިއްކުމާއި އުމްރާނީ މަޝްރޫއުތައް ހިންގަން ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް ހިންގަމުން ގެންދާ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދަނީ ކަނޑައެޅިފައިވާ ޕްލޭންތަކާއި އޮޕަރޭޝަނަލް މިންގަނޑުތަކާ އެއްގޮތަށެވެ. މީގެ ސަބަބުން މަސައްކަތުގެ ދުވެލި އެއްވަރެއްގައި ހިފެހެއްޓި ނަތީޖާ ހާސިލުކުރެވޭނެކަން ކަށަވަރު ވެގެންދެ އެވެ
މި މަޝްރޫޢުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށްދަނީ ބައިތަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން ސައިޓް A އަދި ސައިޓް B ގެ ބޮޑު ބައެއް މިހާރު ވަނީ ހިއްކާ ނިމިފަ އެވެ. ހުޅުމާލެ ތިންވަަނަ ފިޔަވަހީގެ ނަމުގައި މި ސަރަހައްދު ހިއްކަމުން ގެންދަނީ "ބިންވެރިޔާ" ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރުމުގެ އިތުރުން ހައުސިންގެ މަޝްރޫއުތައް ހިންގާށެވެ.
މި މަޝްރޫޢަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމުމުން، އެ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި "ރިވެޓްމަންޓް" ޖެހުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. ހުޅުމާލެ މި ސަރަހައްދުން ބިންވެރިޔާ ސްކީމްގެ ދަަށުން ގާތްގަނޑަކަށް 700 އެއްހާ ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ސަރަހައްދުން ދޫކުރާ ގޯތިތަކުގެ ބޮޑުމިން އުޅެނީ 1,250 އަކަފޫޓާއި 4,000 އަކަފޫޓާ ދެމެދުގަ އެވެ.