ފުލުހުން ބުނީ، ރާސް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުނީގެ ނަމުގައި އެ މަސްތުވާތަކެތި އެތެރެކޮށްފައިވާއިރު، އެ ކުންފުނީގެ އެމްޑީ، އާދިލް އިތުރު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން، އެ ކުންފުނީގެ އިސް މިހާ، އިތުރު 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކަނޑުމަގުން ރާއްޖެ އެތެރެކުރި މި ފުޅިތަކުގައި 30 މިލިއަން ރުފިޔާއަށް އަގުއަރާ ހަޝިޝް އޮއިލް، މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ކަސްޓަމްސްއިން ވަނީ އަތުލައިގެންފަ އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ގދ. ތިނަދޫ، ގޯލްޑަން ހައުސް، މުހައްމަދު އާދިލް، 57 އާއި ހއ. ހޯރަފުށި، އާފިޔާ، އަހުމަދު އަލީ، 47، އެވެ.
ފުލުހުން ބުނީ، ރާސް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުނީގެ ނަމުގައި އެ މަސްތުވާތަކެތި އެތެރެކޮށްފައިވާއިރު، އެ ކުންފުނީގެ އެމްޑީ، އާދިލް އިތުރު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ދެން ހައްޔަރު ކޮށްފައި ވަނީ ރާސް މޯލްޑިވްސްގެ މުދާ ކްލިއާ ކުރުމަށް އެ ކުންފުނީގެ ފަރާތުން ދާނެ ކަމަށް އީމެއިލުން ކަސްޓަމްސްގެ ސީކާގޯ އެގްޒަމިނޭޝަނަށް އެންގި އަހުމަދު އަލީ، އެވެ.
ފުލުހުން މިއަދު ބުނީ، އަހުމަދު އަލީ މިދިޔަ ޑިސެމްބަރު 26 ވަނަ ދުވަހު ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ތަހުގީގުގެ ބޭނުމަށް 10 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަސް ކަމަށް ކުރިން ބުނެފައިވީ ނަމަވެސް ފަސް ދުވަސް ކަމަށް ބުނެވުނީ އޮޅުމަކުން ކަަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި އެވެ.