ހަނިމާދޫ އެއާޕޯޓު | ބޭނުންހާ ކުލައެއް ޖެއްސިގެން ނުވާނެ

ހަނިމާދޫ އެއާޕޯޓް ނިމުނުއިރު ކައިގީގައި ވެސް ޓޫރިސްޓު އެނދެއް ނެތެވެ. ދަތުރުތައް ފަށަން އެންމެ ގާތުން ބަލާއިރު އިންޑިއާގެ އެއާލައިންތައް އޮތީ ގެއްލުމުގައި މިވަރުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދެވޭނެ ހާލަތެއްގައެއް ނޫނެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް -- ފޮޓޯ : ޕީއެސްއެމް

މާގިނަ ހަރަކާތްތަކެއް ނެތް އޮތް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދިރުން ގެންނަން ކުރީގެ ސަރުކާރުން ބޮޑު މަޝްރޫއެއް ހިންގި އެވެ. އިންޑިއާއިން ލޯނު ނަގައިގެން ހިންގި އިހަވަންދިއްޕޮޅުގެ މައި ދޮރޯށި ފުޅާ ކުރުމުގެ މި މަޝްރޫއު ނިމިގެންދާއިރު މިތަން ވެގެންދާނީ ރާއްޖޭގެ އެއްވަނަ އެއާޕޯޓުގެ ގޮތުގައި ކަމަށް އޭރު ގަބޫލު ކުރެވުނެވެ. ނަަމަަވެސް ހިންގަން ބޮޑު ހަރަދެއް ހިނގާނެ މި އެއާޕޯޓް ނިމިގެން ދިޔައިރުވެސް އޭރުގެ ސަރުކާރުން ނުކުރި ކަމަކީ މި އެއާޕޯޓް ފީޒިބަލް ކުރަން ކުރަން ޖެހޭ މަސައްކަތް ކުރުމެވެ. ދައުލަތަށް މާލީ ގޮތުން ބުރަބޮޑު ދަގަނޑު ބުރިއަކަށް މި މަޝްރޫއުވާނެކަން އެނގި ތިބެވެސް މި މަޝްރޫއު ދިވެހިންގެ އަތްމަތީގައި ބާއްވަން ކުރަން ޖެހޭ އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ. މި އެއާޕޯޓް ތަރައްގީ ކުރުމުގައި އޭރު ދިވެހި ސަރުކާރުން ބަސް ކިޔަން ހުރި ރީޖަނަލް އެއާޕޯޓްސްގެ އޭރުގެ އެމްޑީ މުހައްމަދު ރިޒުވީ އޭރު ވިދާޅުވެފައިވާ ގޮތުގައި މި ސަރަހައްދުގައި އެނދުތައް ތަރައްގީނުވެއްޖެނަމަ ހީވެސް ނުކުރާ ވަރުގެ ގެއްލުމެއް ދައުލަތަށް ވެގެންދާނެ އެވެ. ދައުލަތަށް ބޮޑު ބުރަަކަށް ވެގެންދާނެ އެވެ. ރިޒުވީ އެ ދުވަހު ކުރަހާ ވިދާޅުވެވެގެން އޮތް އެންމެ ތިލަކޮށް ވިދާޅުވެއްދެއްވީ މި އެއާޕޯޓުގެ ކުރެހުން އޭރު އޮތް ގޮތެވެ. 

ހަނިމާދޫ އެއާޕޯޓް މުޅި މަޝްރޫއު އޮތް ގޮތުން ގާތްގާތުގައި ލޯނުތަކެއް ދައްކަން ޖެހޭއިރު އެއާޕޯޓް ހިންގުމުގެ ހަރަދު އިންތިހާއަށް މަތިވާނެ އެވެ. އެހެންވެ މި އެއާޕޯޓަކީ ލަންކާގެ "ހަމްބަންޓޯޓާ" ގޮތަށް ބާއްވައިފިނަމަ ނަތީޖާއަކަށްވާނީ ދަރަނީގެ ބޮޑު އަހަރެއްގެ އަނގަމަތީގައި އޮތް ދިވެހި ދައުލަތަށް ހުރި އޮޕަޝަންތައް އިންތިހާއަށް ހަނިވުމެވެ. ނަތީޖާއަކީ ރާއްޖޭގެ މައި އެ ދޮރާށީގެ "ތަޅުދަނޑި" އެހެން ބައެއްގެ އަތަށް ދޭން މަޖުބޫރުވާ ހާލަތަށް ދިއުމެވެ. ސުވާލަކީ އެ ހާލަތަށް މި އެއާޕޯޓް ދާން އޮތް ފުރުސަތު ތަނަކީ ކޮބައި ހެއްޔެވެ ؟

އެއާޕޯޓް ފީޒިބަލް ކުރަން މަސައްކަތެއް ނުކުރެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއަން އެގްޒިމް ބޭންކް މެދުވެރިކޮށް 136 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާ) ގެ ލޯނަކުން ތަރައްގީކުރި މި ރީތި އެއާޕޯޓު ކުރިން ހިންގަން ހަވާލުކޮށްފައި އޮތީ ރީޖަނަލް އެއާޕޯޓް ކުންފުންޏާ އެވެ. ނަމަވެސް މި އެއާޕޯޓް ފީޒިބަލް ކުރަން ބޭނުންނަމަ އެންމެމަދުވެގެން 8،000 އެނދު އެ ސަރަހައްދުގައި އަޅަން ބޭނުންވެ އެވެ. 

ހަނިމާދޫ އެއާޕޯޓު މަޝްރޫއު ކުރީގެ ރައީސް ސޯލިހު އިފްތިތާހުކޮށްދެއްވަނީ

ނަމަވެސް އަދި ހއ. އާއި ހދ. އަތޮޅުގައި ޖުމްލަ މި ވަގުތު ހުރި ޓޫރިސްޓު އެނދުގެ ނަމްބަރަކީ 1,680 އެވެ. އެއީ ހއ. ގައި ހިންގާ ދެ ރިސޯޓެއްގައި ހުރި 448 އެނދާއި ހދ. ދެ ރިސޯޓެއްގައި ހުރި 162 އެނދުގެ އިތުރުން ހއ. ގެ 23 ގެސްޓްހައުސްއެއްގައި ހުރި 284 އެނދު އަދި ހދ. ގެ 14 ގެސްޓްހައުސްއެއްގައި ހުރި 170 އެނދެވެ. އިހަވަންދިއްޕޮޅުގައި ހާރަކަސް ތަރާވީހަކަސް މި ވަގުތު ޓޫރިސްޓުން ގެނެސް އަޅަން ހުރީ މި އެނދުތަކެވެ. އެހެންވެ އިތުރު އެނދުތަކެއް ޔޫޓިލައިޒް ކުރަން ބޭނުންނަމަ ހަނިމާދޫގައި އެއާ ޓެކްސީ ބޭހެއް ހަދައި އެއާ ޓެކްސީ ނިޒާމަކުން ގުޅާލައިފިނަމަ ކައިރި ސަރަހައްދުތަކަށް ޓޫރިސްޓުން އުފުލަން ފަހި ފުރުސަތު އެބައޮތެވެ. މިގޮތުން ބަލާނަމަ ކައިރީގައި އޮތް ށ. އަތޮޅުގައި ޖުމްލަ ހުރީ 512 އެނދެވެ. ހަނިމާދޫ އެއާޕޯޓާ ކައިރިން ހުރި އެނދުގެ ޖުމްލަ މި ތިން އަތޮޅު އެއްކޮށްލުމުން އަރަނީ 2,192 އަށެވެ.

ދެން މި ނެޓްވޯކް އެކްސްޕެންޑް ކުރެވިދާނެ ފުރުސަތު ތަކެއް އެބައޮތެވެ. ނަމަވެސް އެއާޓެކްސީ ބޭހެއް ހަދަން ކުރިން ޕްލޭން ކުރިނަމަވެސް މިހާރު އެތަން ހިންގާ އެމްއޭސީއެލް އިން އެ ވާހަކައެއް ނުދައްކަ އެވެ. އެކަންވީ ހިސާބެއް ވެސް ނޭނގެ އެވެ. މިއީ ހަނިމާދޫ އަށް ފީޒިބަލް ކުރެވޭނެ އެއްގޮތެވެ. މީގެ އިތުރުން އެމްއާރުއޯ ނުވަތަ މަތިދާ ބޯޓު މަރާމާތު ކުރާ ފެންވަރު ރަނގަޅު ފެސިލިޓީއެއް ހެދުންފަދަ ކަންކަން ކުރެވިދާނެ އެވެ. ނަމަވެސް މިއީ ދުލުން ކިޔާލަން ފަސޭހަވިޔަސް ބޮޑެތި ވާހަކަ އެވެ.

އިންޑިއާ އެއާލައިންތަކުގައި ބުންވަރެއް ނެތް

އިންޑިއާގެ ނޫސްތަކުގެ ފަލަ ސުރުހީތަކުން މިހާރު އެ ފެންނަނީ އެ ދުވަހު ރީޖަނަލް އެއާޕޯޓް ކުންފުނީގެ އެމްޑީ ރިޒުވީ ވިދާޅުވި ވާހަކައި މައިގަނޑު ސެހެރީ އެވެ. އިންޑިއާގެ މަޝްހޫރު ނޫސްތަކުގައިވާ ގޮތުން ދިވެހި ދައުލަތުގެ އެންމެ މަތީވެރިޔާ ވަނީ ހަނިމާދޫ އެއާޕޯޓް ހިންގުމާ އިންޑިއާ އިން ހަވާލުވާން އެދިފަ އެވެ. ނަމަވެސް ސަރުކާރުން ވަގުތުން ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ. ދިވެހޮ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި ހުރިހާ އެއާޕޯޓް ތަކެއް ހިންގާނީ ދިވެހި ކުންފުނިތަކުން ކަމަށާ، އެ ސިޔާސަތު ބަދަލެއް ނުވެ އެވެ. އަދި މި ވާހަކައިގެ ފަހަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ މި އެއާޕޯޓު ހަދަންވީ މި ސަރަހައްދުގެ އެއާލައިންއެއްގެ ރީޖަނަލް ހަބަކަށެވެ.

ސުވާލަކީ ހަނިމާދޫ ހިންގަން އަންނަން އޮތީ މި ސަރަހައްދުގެ ކޮން އެއާލައިނަކުން ހެއްޔެވެ؟ އެ ތަނުގައި ރީޖަނަލް ހަބު ހައްދަވަން ރައީސް ނަޝީދު އެ އުޅުއްވަނީ ކީއްވެގެން ހެއްޔެވެ؟ ޓޫރިސްޓުން ގެނެވޭނެ ފުރުސަތު ނެތް، އެނދު ނެތް، ސަރަހައްދެއްގައި އޮޕަރޭޓް ކުރަން އެއާލައިނެއް އަތުވެދާނެ ހެއްޔެވެ؟ އެންމެ ގާތުން އިންޑިއާ އަށް ބަލާނަމަ އެއާލައިން ކުންފުނިތަށް އޮތީ އެހާލަތަކު ނޫނެވެ. އިންޑިއާގެ އެއާލައިން ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅެއް ނޫނެވެ. ގެއްލުމުގައި ބޮޑު އޮޕަރޭޝަނެއް ހިންގުމުގެ ބުންވަރެއް އެމީހުންގެ ކިބައިގައި ނެތެވެ. ދެން މި ސަރަހައްދުގައި އެހެން ގައުމެއް މިކަން ކުރެވޭނެ ނެތެވެ. ދެން އޮތީ ލަންކާ އެވެ. ލަންކާގެ ހާލަތު އެންމެ ބަޔަކަށް ކަމެއް ކޮށްދެވޭ ވަރެއް ނޫނެވެ.

ލޯނު ދައްކަން ޖެހޭ، ދުވާލަކު 12 އިންޓަނޭޝަނަލް ދަތުރު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު. --ފޮޓޯ: މިހާރު

މި ހުރިހާ ވާހަކައެއް ފަތުރަކީ ކަންއޮތް ހިސާބު ރަނގަޅަށް އެނގިގެންނެވެ. ހަނިމާދޫ އެއާޕޯޓުގެ ލޯނަކީ 25 އަހަރުން ދައްކާ ހަލާސް ކުރާ ގޮތަށް ހަތް ޕަސެންޓުގެ އިންޓެސްޓުގައި އަހަރު 10 މިލިއަން ޑޮލަރު، ގާތްގަނޑަކަށް 154 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. ލޯނުގެ އިތުރުން މި އެއާޕޯޓް ހިންގަން އިތުރު ހަރަދު ތަކެއް ވެސް ހިނގާނެ އެވެ. މިތަނުގައި މަދުވެގެން 300 މުވައްޒަފުން ހިދުމަތް ކުރަން ބޭނުންވެ އެވެ. ކުރިން ހަނިމާދޫ ތަރައްގީ ނުކުރާއިރު ހަރަދުގެ ގޮތުގައި މަހެއްގެ މައްޗަށް ތިން މިލިއަނެއްހާ ރުފިޔާ ހަރަދުވެ އެވެ. އަދި މިހާރު މުޅި އެއާޕޯޓް ފުރިހަމަކޮށް ވަސީލަތް ތަރައްގީކޮށްފައިވާތީ މި ހަރަދު ދެ ގުނަވާނެ އެވެ. މި އެއާޕޯޓް ފީޒިބަލް ކުރަން ބޭނުންނަމަ އެންމެ މަދުވެގެން މިހާރު ހަނިމާދޫ އަށް ދަތުރުކުރާ ޑޮމެސްޓިކް ހަ ފްލައިޓުގެ އިތުރުން ދުވާލަކު 12 އިންޓަނޭޝަނަލް ފްލައިޓް އިތުރު ކުރަން ޖެހޭ ކަމަށް ތަޖުރިބާކާރުން އަންދާޒާ ކުރެ އެވެ.


ހަނިމާދޫއަކީ ދިވެހި ދައުލަތުގެ ފުލް ކޮންޓްރޯލްގައި އޮންނަން ޖެހޭ ސްޓްރެޓިޖިކް ލޮކޭޝަނެއްގައި އޮތް ތަނެނެވެ. މި އެއާޕޯޓު މިހާރު ހިންގަން ހަވާލު ވެގެން އޮތީ މައި އެއާޕޯޓް ހިންގާ އެމްއޭސީއެލް އެވެ. މ ކުންފުންޏަށް ހަނިމާދޫއިން އިތުރު ދޮރުތަކެއް ހުޅުވެން އެބައޮތެވެ. ސަބަބަކީ މި ތަން އޮތް ރޫޓެގެ މުހިންމު ކަމެވެ. މިއީ ދުނިޔޭގައި އެންމެ ގިނައިން ފްލައިޓް ދަތުރުކުރާ އެއް މަގެވެ. އަދި މިތަން ތަރައްގީކޮށްފައިވަނީ ތެޔޮ ރައްކާކުރެވޭނެ ގޮތަށް މުޅި އެއާޕޯޓުގަ އަޅައި 1.6 މެޓްރިކް ޓަނުގެ ފިއުލް ފާމެއް / ތެޔޮ ރައްކާކުރާނެ ވަސީލަތާއެކުގަ އެވެ. އަދި ނ. އަތޮޅުގައި ގިނަ ރިސޯޓްތަކެއް ހުރުމުން ޖެޓްތަކަށް ތެޔޮ އެޅުން ފަދަ ފައިދާތައް މި އެއާޕޯޓުން ނެގޭނެ އެވެ.

ރާއްޖޭގެ ވައިގެ ބަނދަރުތަކާއި ކަނޑުގެ ބަނދަރުތަކުގެ ތަޅުދަނޑި އަބަދުވެސް އޮންނަން ޖެހޭނީ ދިވެހިންގެ އަތުގަ އެވެ. މިދޮރުތައް ބަޔަކު ތަރައްގީ ކުރުން މިއީ މައްސަލައެއް ނޫނެވެ. އެކަމަކު މި ތަންތަން ހިންގަން ޖެހޭނީ ދިވެހިންނެވެ. މިއީ މި ގައުމުގެ މިހާރުގެ ތަރައްގީގެ ބިންގާ ކަމަށްވާ ރައީސް އިބްރާހިމް ނާސިރުގެ ފަލްސަފާ އެވެ. ރާއްޖޭގެ މައި ދޮރާށިތަކުގައި އަބަދުވެސް ހުންނަން ޖެހޭނީ ފެއްސާއި ރަތާއި ހުދެވެ. އިތުރު ކުލަތައް ކޮންމެހެން ޖައްސަން އުޅޭނެކަމެއް ނެތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.