މި މައްސަލާގައި ކްރިމިނަލް ކޯޓަށް ހުށަހެޅި 12 ދައުވާވެސް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށް، އަދަބު ކަނޑައަޅާފައިވާ ކަމަށް ޕީޖީން ބުންޏެވެ.

ރުގްޔާ އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހަކު ދިގު މުއްދަތަކަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، 2020 ވަނަ އަހަރު އެކި ދުވަސްމަތިން، އަންހެނަކާއި، އުމުރުން 18 އަހަރު ނުފުރޭ 3 ކުދިންނަށް ރުގްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިކަކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާއިލް ވަހީދާއި، ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލްގެ މައްޗަށް ދައުވާކުރުމަށް 30 ޑިސެންބަރު 2020 ގައި ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓަށް ހުށަހެޅި 12 ދައުވާވެސް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށް، އަދަބު ކަނޑައަޅާފައިވާ ކަމަށް ޕީޖީން ބުންޏެވެ.
މިގޮތުން، އަސީލްގެ މައްޗަށް ކުރި ތަފާތު ހަތް ދައުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި، 25 އަހަރާއި 10 މަހާއި 24 ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.
ވަހީދުގެ މައްޗަށް ކުރި ފަސް ދައުވާ ވެސް ސާބިތުވާކަމަށް ކަނޑައަޅައި، 6 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލާން ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.