ހައިޝަމާއި ޒިހާންގެ ބަންދާ މެދު ގޮތެއް ކަނޑައަޅައިދިނުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ

މަޝްހޫރު ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވާ ދެ މީހެއްގެ ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގުމާ ގުޅިގެން ދޫކޮށްލަން ޖެހުނު ދެ މީހުން، އަލުން ބަންދުކޮށްފި އެވެ.
އޭޕްރީލް 2017 ގައި، ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި ތޫނު އެއްޗެހިން އޭނާ މަރާލި މައްސަލާގައި، ޖުމްލަ ހަތަރު މީހެއްގެ މައްޗަށް ދައުވާކުރި އެވެ.
އޭގެ ތެރެއިން ކުށް ސާބިތުވީ، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި ހުޅުމާލޭ ނަމްބަރު 11399 އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. އެ ދެ މީހުން އުމުރަށް ޖަލަށްލާން 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.
އެ މީހުންގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އެ މައްސަލާގައި މިއަދު ކޯޓުން ވަނީ އެ ދެ މީހުންގެ ހުކުމް ބާތިލުކޮށް، އެ ދެ މީހުންނާއި އެ މައްސަލާގައި ކުށް ސާބިތު ނުވެ ސަލާމަތްވި މީހުންގެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފަ އެވެ.
ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހައި ކޯޓުގެ އަމުރާ ގުޅިގެން، ހައިޝަމާއި ޒިހާންގެ ބަންދާ މެދު ގޮތެއް ކަނޑައަޅައިދިނުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.