"ސިވިލް ސާވިސް ގަވާއިދު ބަދަލުކޮށް މުވައްޒަފުން ހެދުން އަޅާ ގޮތް ބަދަލުކުރުވަނީ ރައްޔިތުން ކޮންޓްރޯލް ކުރުމުގެ އެޖެންޑާއެއްގެ ދަށުން. ސިވިލް ސާވިސްގެ ހެދުން އެޅުމުގައި މައްސަލައެއް އޮވެގެނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ސިވިލް ސާވިސް މުވައްޒަފުން ވަޒީފާއަށް ނުކުންނައިރު ލާން ޖެހޭ ހެދުމާއި، ހެދުމުގެ ދިގު މިން ކަނޑައަޅައި، ސިވިލް ސާވިސް ގަވާއިދަށް ގެނައި އިސްލާހަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފާޑުވިދާޅުވެއްޖެ އެވެ.
އާ ގަވާއިދު ބުނާ ގޮތުގައި އަންހެން މުވައްޒަފުންނަށް ހެދުމުގެ ގޮތުގައި ދިގު ހެދުން، ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ލެވޭނެ އެވެ. މި ހެދުން ހުންނަންވާނީ ފައިގެ ތަނބިކައްޓަށްވުރެ ކުރު ނުވާ ގޮތަށެވެ.
ފަޓުލޫނު އަދި ހަރުވާޅު ނުވަތަ ޖެކެޓާއެކު ލާ ފަޓުލޫނު ނުވަތަ ހަރުވާޅަކީ އޮފީސް މާހައުލާ ގުޅޭ ފޮއްޗަކުން ފަހާފައިވާ ތަކެއްޗަށް ވާންޖެހޭނެ ކަމަށް ގަވާއިދު ބުނެ އެވެ.
ފިރިހެން މުވައްޒަފުންނަށް ގަމީހުގެ ގޮތުގައި އަތް ދިގު، އަތް ކުރި އަދި ބުސް ގަމީސް ލެވޭނެ އެވެ. އަތް ކުރު ގަމީސް ހުންނަންވާނީ އަތުގެ އުޅަނބޮއްޓަށްވުރެ ދެ އިންޗި ކުރުނުވާ ވަރަށެވެ.
ފަހާފައި ހުންނަ ބުސް ގަމީސް ފިޔަވައި އެހެން ގަމީސްތައް ދަށަށް ޖަހަންޖެހޭނެ އެވެ. ދަށަށް ޖަހާފައި ހުންނައިރު ހުންނަންވާނީ، ބޭގީ ކުރުމުން އަޅާފައި ހުންނަ ބެލްޓު އެއްކޮށް ނުފޮރުވޭ ވަރަށެވެ. އަދި ޓައި އަޅަންވެސް ލާޒިމްކޮށްފައިވެ އެވެ. ނަމަވެސް ޓައީގައި ކާޓޫން އަދި ފޮޓޯ ކުރަހާފައި ހުރެގެން ނުވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވެ ހުރިހާ ކަމެއް ކުރަމުން ދަނީ ހުދުމުހުތާރުކަން ދައްކައި ރައްޔިތުންގެ މައްޗަށް ވެރިވެގަތުމަށް ކަމަށެވެ.
"ސިވިލް ސާވިސް ގަވާއިދު ބަދަލުކޮށް މުވައްޒަފުން ހެދުން އަޅާ ގޮތް ބަދަލުކުރުވަނީ ރައްޔިތުން ކޮންޓްރޯލް ކުރުމުގެ އެޖެންޑާއެއްގެ ދަށުން. ސިވިލް ސާވިސްގެ ހެދުން އެޅުމުގައި މައްސަލައެއް އޮވެގެނެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި، މިކަމުގެ ބޭނުމަކީ ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ ހުރިހާ ކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބާރުގެ ދަށަށް ގެންވައި ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދޭ ޒާތީ މިނިވަންކަން ފޭރިގަތުމެވެ.
"ރައްޔިތުންނަކީ ތަންދޮރުނުދަންނަ ގަމާރު ބައެއް ކަމަށް ދެކިގެން އެ މީހުންގެ ޒާތީ ކަންކަމާ ބެހި އޮބިހެއްޓޭނެ ކަމަށް ދެކިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އަދި ގާނޫނުއަސާސީއިން ކަށަވަރުކޮށްދޭ ހިޔާލާއި ފިކުރާއި ޒާތީ ދިރިއުޅުމުގެ މިނިވަންކަން ދިވެހިންނަށް މާ މުހިންމުކަމަށް ފައްޔާޒް ވިދާޅުވި އެވެ.