ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ މަސައްކަތުގައި އެ ފައިސާ، އަންނަ ޖެނުއަރީ 31ގެ ކުރިން ދައްކައި ނިންމުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެންސްޕާ އިން ބުންޏެވެ.

ދައުލަތުގެ ޔުނިވާސަލް އިންޝުއަރަންސް ސްކީމް، އާސަންދައިގެ ދަށުން ސިއްހީ ފަރުވާ ހޯދާފައިވާ މީހުންނަށް ފޯރުކޮށްދިން ހިދުމަތްތަކަށް، ސިއްހީ ފަރުވާ ދޭ އަމިއްލަ ތަންތަނަށް ދައްކަންޖެހޭ ފައިސާ، އަންނަ ޖެނުއަރީ މަސް ނިމުމުގެ ކުރިން ދައްކައި، ހަލާސްކުރަން މަސައްކަތް ކުރަމުންދާކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން ބުނެފި އެވެ.
މާލެ ސަރަހައްދުގެ ރައްޔިތުންނާއެކު ބޭއްވެވި ސިލްސިލާ ބައްދަލުވުންތަކުގެ އިތުރުން މިދިޔަ މަހު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ވެސް އާސަންދައިން ފައިސާ ލިބުމުގެ ޝަކުވާތައް ހިއްސާކޮށްފައިވަނިކޮށް، އެންސްޕާއިން ނެރުނު ބަޔާނެއްގައި ބުނީ އާސަންދައިން ނުދައްކާ ހުރި ބިލްތައް ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ މަސައްކަތުގައި އެ ފައިސާ، އަންނަ ޖެނުއަރީ 31ގެ ކުރިން ދައްކައި ނިންމުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެންސްޕާ އިން ބުންޏެވެ.
މީގެއިތުރުން، އެންސްޕާ އިން ބުނީ އާންމުންގެ ޝަކުވާ ލިބުނު ބޭސްފަރުވާގެ ނިޒާމާއި އާސަންދައިގެ މައްސަލަތަކަށް ވެސް ހައްލުތަކެއް ހޯދައިދެމުން އަންނަ ކަމަށެވެ.
އޭގެތެރޭގައި، ޑޮކްޓަރަށް ދެއްކުމާއި ޓެސްޓުތައް ހެދުމުގައި ލަސްތަކެއް ކުރިމަތިވާ ކަމަށް ލިބުނު ޝަކުވާތަކާ ގުޅިގެން، ކްލިނިކްތަކަށް އާސަންދަ ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެންސްޕާއިން ބުންޏެވެ.
މިގޮތުން، ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތަށް ލިޔުންތަކާއި މައުލޫމާތު ފުރިހަމަކޮށް އިއްޔެގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތައް ވީ އެންމެ އަވަހަކަށް ޕްރޮސެސް ކުރަން ފަށާފައިވާއިރު، އެ ކްލިނިކުތަކަށް އަންނަ ޖެނުއަރީ މަހު 31 ގެ ކުރިން އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭން އެންސްޕާއިން ވަނީ ނިންމައިފަ އެވެ.