މުވައްޒަފުން ލާ ހެދުމުގެ ދިގުމިން ކަނޑައަޅައި ގަވާއިދު އިސްލާހު ކޮށްފި

ގަވާއިދުގައި ބުނީ އަންހެން މުވައްޒަފުން ޒީނަތްތެރިވުމުގެ ގޮތުން ގަހަނާ އަޅައި މޭކަޕް ކުރުމަކީ ހުއްދަ ކަމެއް ކަމަށެވެ.

ދައުލަތުގެ އެންމެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެ -- ފޮޓޯ: ސޯޝަލް މީޑިއާ

ސިވިލް ސާވިސް މުވައްޒަފުން ވަޒީފާއަށް ނުކުންނައިރު ލާން ޖެހޭ ހެދުމާއި، ހެދުމުގެ ދިގު މިން ކަނޑައަޅައި، ސިވިލް ސާވިސް ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

އާ ގަވާއިދު ބުނާ ގޮތުގައި އަންހެން މުވައްޒަފުންނަށް ހެދުމުގެ ގޮތުގައި ދިގު ހެދުން، ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ލެވޭނެ އެވެ. މި ހެދުން ހުންނަންވާނީ ފައިގެ ތަނބިކައްޓަށްވުރެ ކުރު ނުވާ ގޮތަށެވެ. 

ފަޓުލޫނު އަދި ހަރުވާޅު ނުވަތަ ޖެކެޓާއެކު ލާ ފަޓުލޫނު ނުވަތަ ހަރުވާޅަކީ އޮފީސް މާހައުލާ ގުޅޭ ފޮއްޗަކުން ފަހާފައިވާ ތަކެއްޗަށް ވާންޖެހޭނެ ކަމަށް ގަވާއިދު ބުނެ އެވެ.

އޭގެ އިތުރުން؛

  •  ކޮންމެ ބާވަތެއްގެ ހެދުމެއް ވިޔަސް ކަރު ހުންނަން ވާނީ މުޖުތަމައުގެ އަދަބާ ހިލާފު ނުވާ ގޮތަށް، ކަރުވަޅު ނިވައިވާ ގޮތަށް
  •  އަތް ކުރު ހެދުމުގެ އަތް ހުންނަންވާނީ ކޮނޑުހުޅާއި އުޅަނބޮއްޓާ ދެމެދު
  •  އަތް ދިގު ހެދުމުގެ އަތް ހުންނަންވާނީ އަތުގެ ކުޑަހުޅަށްވުރެ ދިގު ނުވާ ވަރަށް
  •  ކުރު ހެދުން އަރިމަތިން ފަޅާނަމަ ހުންނަންވާނީ މައްޗަށް އަތް ދަމައިލުމުން އުނަގަނޑުން ތިރީބަޔާ އުނަގަނޑުން މަތީބަޔާ ދެމެދު ހަންގަނޑު ނުފެންނަ ގޮތަށް
  •  ކުރު ހެދުމުގެ ދިގުމިނަކީ ބުޑުގެ ތިރީ ކައިރިން 2 އިންޗި ކުރު ނުވާ ވަރަށް
  •  ރަސްމީ ގަޑީގައި އުޅޭންވާނީ އޮފީސް ބޫޓު ނުވަތަ އެކަށީގެންވާ ފައިވާނެއްގައި

ގަވާއިދުގައި ބުނީ އަންހެން މުވައްޒަފުން ޒީނަތްތެރިވުމުގެ ގޮތުން ގަހަނާ އަޅައި މޭކަޕް ކުރުމަކީ ހުއްދަ ކަމެއް ކަމަށެވެ. އަދި ބުރުގާ ނާޅާ މުވައްޒަފުންގެ އިސްތަށިގަނޑު އޮފީހުގެ މާހައުލާ ގުޅޭ ގޮތަށް ރީތިކޮށް ބެހެއްޓުމަށާއި، ކަޅު ކުރުން ފިޔަވައި ފާޅުކަން ބޮޑު ކުލަ ޖެއްސުން ނުވަތަ ކުލައިން ޝޭޑްކޮށް ހައިލައިޓް ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

ފިރިހެން މުވައްޒަފުން ހެދުން އަޅާނެ ގޮތް

ފިރިހެން މުވައްޒަފުންނަށް ގަމީހުގެ ގޮތުގައި އަތް ދިގު، އަތް ކުރި އަދި ބުސް ގަމީސް ލެވޭނެ އެވެ. އަތް ކުރު ގަމީސް ހުންނަންވާނީ އަތުގެ އުޅަނބޮއްޓަށްވުރެ ދެ އިންޗި ކުރުނުވާ ވަރަށެވެ.

ފަހާފައި ހުންނަ ބުސް ގަމީސް ފިޔަވައި އެހެން ގަމީސްތައް ދަށަށް ޖަހަންޖެހޭނެ އެވެ. ދަށަށް ޖަހާފައި ހުންނައިރު ހުންނަންވާނީ، ބޭގީ ކުރުމުން އަޅާފައި ހުންނަ ބެލްޓު އެއްކޮށް ނުފޮރުވޭ ވަރަށެވެ. އަދި ޓައި އަޅަންވެސް ލާޒިމްކޮށްފައިވެ އެވެ. ނަމަވެސް ޓައީގައި ކާޓޫން އަދި ފޮޓޯ ކުރަހާފައި ހުރެގެން ނުވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

ގަވާއިދުގައި ބުނީ ފިރިހެން މުވައްޒަފުން ލާންވާނީ ދިގު ފަޓުލޫނު ކަމަށެވެ. ފަޓޫލޫނު ފަހާފައި ހުންނަން ވާނީ އޮފީސް މާހައުލާ ގުޅޭ ފޮއްޗަކުންނެވެ. އަދި އޮފީހަށް އަންނަންވާނީ ބޫޓަށްވެސް އަރައިގެންނެވެ.

އަދި ފިރިހެން މުވައްޒަފުންނަށް އަނގޮޓިއެއް ފިޔަވައި އެހެން ގަހަނާއެއް ހުއްދަ ނޫން ކަމަށް ގަވާއިދުގައިވެ އެވެ. އަދި އެއްވެސް ގުނަވަނެއްގައި ގަހަނާއަށްވާ އެއްޗެހި ލާފައި ހުރިމަކީވެސް މަނާ ކަމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.