ޖެންޒީ ޔާސީން | ހުނަރުގެ ބޮކި ދިއްލާލީ އެމްޕީއެލް

އެމްޕީއެލް އިންޓާންޝިޕް ޕްރޮގްރާމުން 17ރ. އަހަރުގެ ޔާސީންވަނީ ކަރަންޓުގެ ހުނަރުތައް ދަސްކޮށްފަ އެެވެ. ވައިރިންގެ ހުނަރު އަލިފުން ޔާއަށް އުނގެނިފަ އެވެ. އެމްޕީއެލްއިން އޭނާއަށް ދަސްވީ އެކުވެރިކަމާއި ގުޅިގެން އެއް ޓާމެއްގެ ގޮތުގައި އުޅުމެވެ.

ކ. ކާށިދޫ 17 އަހަރުގެ ޔާސީން އަބްދުލް ހާދީ -- - އެމްޕީއެލް ފޮޓޯ

އަޅެ ތިޔަ ބޮކިތައް ދިއްލާލާށޭ ބުނުމާއެކު އޭނާ ނެގީ ޖީބުގައި އޮތް ފޯނެވެ. އެ ފޯނުގައި އިން އެޕެއް ހުޅުވާލާފަ ހުރިހާ ބޮކި ތަކެއް އެންމެ ބަޓަނަކުން ދިއްލާލި އެވެ. މިއީ އެމްޕީއެލް އިން ދިން ފުރިހަމަ ތަމްރީންތަކާއެކު، މަސައްކަތުގެ މާހައުލަށް ފައްކާހުރި ނޫކަށިފުރައިގެ "ޖެންޒީ" އެއްގެ މަސައްކަތުގެ ފެށުން ދައްކާލި ވަގުތު ކޮޅެވެ. ސަރުކާރުން މަސައްކަތްތެރި ޒުވާނުން އުފައްދަން ފަށާފައިވާ ގައުމީ ޕްރޮގްރާމުގެ ތެރެއިން ހުނަރުދަސްކުރި ކ. ކާށިދޫ، 17 އަހަރުގެ ޔާސީން އަބްދުލްހާދީގެ ހުނަރުގޮސް ހުއްޓެނީ ކަރަންޓު މަސައްކަތުގެ ތެރެ އަށެވެ. ރީނދޫ ކުލަ އާއި ފެހި ކުލަ އަދި މުށިކުލަ އާއި ނޫކުލައިގެ ނަރު ބޮޑީގެ ތެރެ އަށެވެ. ސިންގަލް ފޭހާއި ތުރީ ފޭސް ވައިރިން މަސައްކަތުގެ ތެރެ އަށެވެ.

އެހެންވެ އޭނާ ހިޔާރުކުރީ އެމްޕީއެލް އިން ހުޅުވާލި ދޮރުން ވަދެ، އެ ކުންފުނީގެ ތަޖުރިބާކާރުންގެ އެހީގައި މި ހުނަރު ތަރައްގީ ކުރާށެވެ. ކުރިން ވެސް ކަރަންޓާ ކުޅޭ ނަމަވެސް ކަރަންޓުގެ ބިރުވެރިކަމާއި އޭގެ ހުނަރުތައް ނޭނގި ހުރި ޔާސީން މިކަމަށް ލޯހުޅުވައި ދިނީ މި ޕްރޮގްރާމްގައި ބައިވެރިވެ އެމްޕީއެލް އިން ތަމްރީން ދޭން އައްޔަންކުރި ޓީޗަރެވެ. ނުވަތަ މަގު ދައްކަން ހުރި "މެންޓާ" އެވެ. 

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޔާސީންއަކީ މި މަސައްކަތަށް އާދަޔާ ހިލާފު ޝައުގުވެރިކަން ހުރި ޒުވާނެވެ. އެހެންވެ އޭނާ ކިޔައިދިން ފޮޅުވަތަށް ދެ ފޮޅުވަތް ޔާސީން ވަނީ އަމިއްލަ މަސައްކަތުން ދަސްކޮށްފަ އެވެ. 

އެމްޕީއެލްގައި 20 އަހަރުވީ ތަޖުރިބާކާރު އިންޖިނޭރު މިހެން އެ ވިދާޅުވާނީ ވަރަށް ޔަގީންވީމަ އެވެ. އެމްޕީއެލްގެ މި ތަޖުރިބާކާރު ދޭ ޔަގީން ކަމަށް ހެކިދެނީ މިއަދު ޔާސީން އެ ދައްކާލި ޑިސްޕްލޭ އެވެ. މީރުމާ މާލަމުގައި ސަރުކާރުގެ އިގްތިސޯދީ ވަޒީރު ހާޒިރުގައި ޔާސީން ސާބިތުކޮށް އެ ދިނީ ރާއްޖެއަށް ބޭނުންވަނީ ތިމަންނާ ފަދަ ޒުވާނުންނެވެ. ސަރުކާރުން އަތް ފުނާ އަޅައިގެން ހޯދަންވީ ތިމަންނާ ފަދަ ކުދިންނެވެ. 

ކޮޓަރިއެއްގެ ވައިރިން އަޅާފައިވާގޮތް ޔާސީން ދައްކާލި މި "މޮޑެލް" ގައި އެންމެ ހިތަށްފިނިކަން ލިބިގެން ދިޔަ ކަމަކީ "ޖެންޒީ" ގެ މި ޒަމާނަށް މި މަސައްކަތް ގެނެސްދިން ގޮތެވެ. ރާއްޖޭގެ މަދު ގެއެއްގައި ނޫނީ އަދި ނެތް ނަމަވެސް ދުނިޔޭގައި އާއްމު މި ޓެކްނޮލޮޖީ ޔާސީން ހޯދީ އިންޓަނެޓު ހާވައިގެންނެވެ. ނެޓުން ހޯދި މި ހުނަރުން މިއަދު އެ ޑިސްޕްލޭކޮށްލީ އަތުގައި އޮތް ފޯނަކުންނެވެ. - އަޅެ މޮޅެއް ނޫން ހެއްޔެވެ؟

ޔާސީންއަށް އެމްޕީއެލްއިން ކިޔަވައި ދެނީ - އެމްޕީއެލް ފޮޓޯ

ޔާސިންއަކީ އަބަދު ވެސް އިލެކްޓްރިކަލް އިންޖިއަރިންއަށް ޝައުގުވެރިކަން ހުންނަ ޒުވާނެކެވެ. އެހެންވެ އަބަދު ވެސް ދެކެމުން ދިޔަ ހުވަފެނަނީ ކަރަންޓާ ގުޅުންހުރި ދާއިރާއެއްގައި ހަގީގީ މަސައްކަތެއް ކުރަން ފުރުސަތެއް ލިބުމެވެ. އެމްޕީއެލް އިން ހުޅުވާލި އިންޓާންޝިޕްގެ ކުޑަ "ދޮރުން" މި ޕްރޮގްރާމަށް ފޭބީ ވެސް އެހެންވެ އެވެ. ބޭނުމަކީ މިކަން ދަސް ކުރުމެވެ. އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގަރާމާހަމައަށް އައުމުގެ ކުރީގައި މުބިއްބުއްދީން ސްކޫލުގައި ކިޔެވި ދުވަސްވަރު ސްކޫލްގެ ސައިންސް ފެއާގައި ވެސް ޔާސީންގެ ހުނަރު ފެނިގެންދެ އެވެ.

ޔާސީން ގަބޫލު ކުރާ ގޮތުގަައި އޭނާގެ ހުނަރުގައި އުންމީދީ ކުލަ ޖައްސަން މަގު މި ދެއްކީ އެމްޕީއެލް އެވެ. ވަޒީފާއެއްގެ މާހައުލުގައި ހިނގާނެ ހުރިހާކަމެއް އޭނާއަށް އެނގިގެން މި ދިޔައީ މި ކުންފުނީގެ ހަތަރު ފާރުގެ ތެރެއިންނެވެ. ޔާސީން ގަބޫލު ކުރާ ގޮތުގައި މި ކުންފުނީގެ އެންމެ ރަނގަޅުކަމަކީ އާ ކުއްޖަކަށްވީތީ ހަވާސާ ކޮށް ނުލުމެވެ. ކުންފުނީގެ އޮނިގަނޑު ތެރެއިން އޭނާއަށް ކުރެވުނު އިހުސާސްއަކީ މިއީ އެވެ. ދެރަ އެއްވެސް އިހުސާސް ނުވާނެ ގޮތަކަށް މެނޭޖުމަންޓުން އަމަލު ކުރުމަކީ އެންމެ ބޮޑު އުފަލެވެ. އެމްޕީއެލްގެ ހުރިހާ މުވައްޒަފުން ވެސް އެއް އާއިލާއެއްގެ ގޮތުގައި ޔާސީންގެ އަތުގައި ހިފައިގެން މި މަސައްކަތަކީ ޔާސީންގެ މި ހުނަރުގެ ބޮކި ދިއްލުމުގެ ސިއްރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.