ބީއެމްއެލް ޑިޖިޓަލް ވޮލެޓް ސްވައިޕް ބީޓާ ޓެސްޓިން މަރުހަލާ ފަށައިފި

ބީއެމްއެލްއިން ބުނީ ހަމަ އެ މަހުގެ ތެރޭގައި، ކަސްޓަމަރުންނަށް ސްވައިޕް އާންމުކޮށް ހުޅުވާލައި، ރާއްޖޭގައި ކުރާ މުއާމަލާތްތަކުގެ ތެރެއިން އެކަކު އަނެކަކަށް ވަގުތުން ފައިސާ ފޮނުވުމާއި ފައިސާ ލިބުމުގެ ހިދުމަތްވެސް ފެށިގެންދާނެ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިޖިޓަލް ވޮލެޓް ސްވައިޕް ބީޓާ ޓެސްޓިން މަރުހަލާ ފަށައިފި އެވެ. 

ސްވައިޕްގެ ބީޓާ މަރުހަލާގައި ބޭންކުން ވަނީ ބައެއް ކަސްޓަމަރުންނާއި ވިޔަފާރިތައް ބައިވެރިކޮށްފައެވެ. މިއީ ސްވައިޕްގެ ހިދުމަތް އާންމުކޮށް ހުޅުވާލުމުގެ ކުރިން، ބޭނުންކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށްޓަކައި ހިންގާ މުހިންމު ޓެސްޓިންގ މަރުހަލާއެކެވެ. މީގެ އިތުރުން ޖަނަވަރީ 2026 އިން ފެށިގެން، ސްވައިޕް ޕްލެޓްފޯމްގައި ވިޔަފާރިތައް ރަޖިސްޓްރީ ކުރަން ބޭންކުން ފަށާނެ އެވެ. މީގެ ސަބަބުން ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ވިޔަފާރިތަކަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ. 

ބީއެމްއެލްއިން ބުނީ ހަމަ އެ މަހުގެ ތެރޭގައި، ކަސްޓަމަރުންނަށް ސްވައިޕް އާންމުކޮށް ހުޅުވާލައި، ރާއްޖޭގައި ކުރާ މުއާމަލާތްތަކުގެ ތެރެއިން އެކަކު އަނެކަކަށް ވަގުތުން ފައިސާ ފޮނުވުމާއި ފައިސާ ލިބުމުގެ ހިދުމަތްވެސް ފެށިގެންދާނެ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބޭންކުން މިހާރު މިދަނީ ސްވައިޕް އާންމުންނަށް ހުޅުވާލުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ. 

"އޮކްޓޯބަރު މަހު ކާމިޔާބުކަމާއެކު މި ހިދުމަތް ތައާރަފުކުރުމަށްފަހު، ބީޓާ ޓެސްޓިންގ މަރުހަލާ ފެށި 2026 ވަނަ އަހަރުގެ ކުރީކޮޅު ޕޭމަންޓްތަކާއި ބައިނަލްއަގުވާމީ މުއާމަލާތްތަކުގެ ޚިދުމަތް ފެށުމަށް އަޅުގަނޑުމެންގެ ޓީމުން މިދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން. ފުރަތަމަ ކުއާޓަރުގައި ބައިނަލްއަގުވާމީ ޕާޓްނާޝިޕްތަކާއެކު ސްވައިޕްގެ ހިދުމަތް ފުޅާވެގެންދާއިރު، ސްވައިޕް މެދުވެރިކޮށް ރާއްޖެ ދުނިޔޭގެ މާކެޓާ ގުޅުވައިދީ، ޑިޖިޓަލް މާލީ ހިދުމަތްތަކުގައި ބޭންކް އޮފް މޯލްޑިވްސްއިން ދަމަހައްޓަމުންދާ ކުރިއެރުން އިތުރަށް ހަރުދަނާވެގެންދާނެ،" ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ އަމާޒަކީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ސްވައިޕްގެ ހިދުމަތްތައް ރާއްޖެއިން ބޭރަށް ފުޅާކުރުން ކަމަށެވެ. އެގޮތުން އެ ކުއާޓަރުގައި، ބީއެމްއެލް އިން ދުނިޔޭގެ މަގުބޫލު ޕޭމަންޓް ނެޓްވޯކްތަކާ ގުޅިގެން ސްވައިޕް މެދުވެރިކޮށް ދިވެހީންނަށް ރާއްޖެއިން ބޭރުން ފައިސާ ގެނެވޭނެ ގޮތް ހަމަޖައްސައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދިވެހި ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ގޮތާއި ދިވެހީންނަށް ރާއްޖެއިން ބޭރުގައި ފައިސާ ދެއްކުމުގެ ނިޒާމު ހަމަޖެހިގެންދާނެ އެވެ.

އެއާއެކު، ސްވައިޕް ވެގެންދާނީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށާއި، ރާއްޖެއިން ބޭރުގެ މުއާމާލާތްކުރާ ދިވެހިންނަށާއި ރާއްޖެއާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ބޭރުގެ ވިޔަފާރިތަކަށްވެސް ކޮންމެހެން ބޭނުންތެރި ވަސީލަތަކަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.