ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ށ. އަތޮޅުން ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި، މި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ށ. އަތޮޅު ރިސޯޓެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގަ އެވެ.
އިއްޔެ ހިންގި އެ އޮޕަރޭޝަންގައި ނ. މާފަރު / ކެނދިވަރު، އަހްމަދު ޝިހާމް (40އ) ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން، އިއްޔެ ށ. ފުނަދޫ މަގުމަތިން ހައްޔަރުކޮށްފައިވަނީ ށ. ފުނަދޫ / އެންދެރިމާގެ، މުހައްމަދު ބަޝީރު (27އ) އެވެ.
ފުލުހުން ބުނީ، ބަޝީރު، ސައިކަލު ދުއްވަމުން މޯބައިލް ފޯނު ބޭނުންކުރަމުން ދަނިކޮށް ފެނިގެން ސައިކަލު މަޑުކުރަން ތަކުރާރުކޮށް ފުލުހުން އެންގުމުން ވެސް މަޑު ނުކޮށް ބާރު ސްޕީޑުގައި ސައިކަލު ދުއްވަމުން ދަނިކޮށް އޭނާގެ އަތުގައި އޮފް މޯބައިލް ފޯނު ވެއްޓިފައިވާ ކަމަށެވެ.
އެ ފޯނާއި ފޯނު ވެއްޓުނު ސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.