ސަރުކާރުން ދޭ މާލީ އެހީއަށް ޝަރުތު ހަމަވީ 41 މީޑިއާ

ކޮމިޝަނުން ބުނީ، އާ އުސޫލުގެ ދަށުން އެހީއަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން 57 މީޑިއާއަކުން ހުށަހަޅާފައިވާ ކަމަށެވެ.

މީގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް --

ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކުގެ ތެރެއިން ދައުލަތުން ދޭ މާލީ އެހީއަށް 41 މީޑިއާއެއް ޝަރުތު ހަމަވާކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ. 

މިއީ ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް ދައުލަތުގެ ބަޖެޓުންދޭ މާލީ އެހީއެކެވެ.

މި އެހީ ދިނުމުގެ އުސޫލު ފުރަތަމަ އެކުލަވާލިއިރު، އެހީ ދިނުމުގެ މައި ޝަރުތަކީ ރަޖިސްޓަރީ ކޮށްގެން ހިންގާތާ ތިން އަހަރު ވެފައިވުން ލާޒިމެވެ. އަދި ފައިސާ ދޭނެ އަދަދު ކަނޑައެޅުމުގައި މީޑިއާތަކުގެ މުވައްޒަފުންގެ އަދަދަށް ރިއާޔަތް ކުރުމަށް ހިމަނާފައިނުވާތީ، އޭރު މާލީ އެހީއަށް ޝަރުތު ހަމަވީ އެންމެ 18 މީޑިއާ އެވެ.

އެއާ އެކު ގިނަ މީޑިއާތަކެއްގެ ޝަކުވާ ބޮޑުވެ، އެހީ ދިނުން މަޑުޖައްސާލައި، މީޑިއާތަކުގެ މަޝްވަރާގެ މަތިން އާ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ ހަވާލުކުރި އެވެ.

އެ ކޮމިޝަނުން އެކުލަވައިލި އާ އުސޫލުގައި ހިމެނި މައިގަނޑު ބަދަލަކީ ރަޖިސްޓްރީކޮށްގެން ހިންގާތާ އެއް އަހަރުވެފައިވާ މީޑިއާތަކަށް ވެސް މާލީ އެހީ ލިބުމެވެ. މީގެއިތުރުން، މާކްސް ދިނުމުގައި ބަލާފައި ވަނީ މީޑިއާގެ މުއްދަތާއި މުވައްޒަފުންގެ އަދަދާއި މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްރޮފައިލާއި ކޮންޓެންޓުގެ ބާވަތާއި މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި އިދާރީ އިންތިޒާމުތަކަށް ބެލުން ހިމެނެ އެވެ.

ކޮމިޝަނުން ބުނީ، އާ އުސޫލުގެ ދަށުން އެހީއަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން 57 މީޑިއާއަކުން ހުށަހަޅާފައިވާ ކަމަށެވެ.

އޭގެތެރެއިން ޝަރުތު ހަމަވެފައިވަނީ 41 މީޑިއާއެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ. 

މިއަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި، ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ އަންދާޒާކުރެވޭ އާމްދަނީގެ 0.1 ޕަސެންޓަށް ވާ މިންވަރަށް ފައިސާ ދޫކުރަން ވަނީ ކަނޑައަޅާފަ އެވެ.

މިގޮތުން، މި އަހަރުގެ ބަޖެޓުން މީޑިއާތަަކަށް ދޭން ނިންމާފައިވަނީ 27 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.