އެމްޕީއެލް އިން މިހާރު ދަނީ އެމްޕީއެލްއިން ފޯރުކޮށްދެމުން ގެންދާ ހިދުމަތްތަކުގެ ފެންވަރު ދެނެގަންނަން ހާއްސަ ސާވޭއެއް ފަށާފަ އެވެ. އެކަމަަށްޓަކައި އެމްޕީއެލްއިން ވަނީ ސާވޭގައި ބައިވެރިވާން ހާއްސަ ކިއުއާރު ކޯޑެއް އާއްމުކޮށްފަ އެވެ.

މުޅިރާއްޖެއާ އެންމެ ގުޅުންބޮޑު ހިދުމަތެއްދޭ ކުންފުންޏަކީ އެމްޕީއެލް އެވެ. ރާއްޖޭގެ އިގްތިސޯދުގެ ފުޅަހެޔޮކަން ހިފަހައްޓަނީ ވެސް މި ކުންފުނިންނެވެ. ބާޒާރުގައި އަގުތައް އޮބިއަޅުވާފަ ބާއްވަންވެސް އެމްޕީއެލްގެ ހިދުމަތް ރަނގަޅުވުން މުހިންމެވެ. އަދި ރާއްޖެއަށް އާ ވިޔަފާރިތައް އުފައްދައި ކުރިއަރުވަންވެސް މި ކުންފުނީގެ މުހިންމުކަން ބޮޑެވެ. އެކަން އެންމެ ރަނގަޅަށް ދެނެގެންފައިވަނީ މިހާރުގެ މެނޭޖުމަންޓުންނެވެ. އެހެންވެ އެމްޕީއެލް އިން މިހާރު ހިޔާރުކޮށްފައިވާ މަގަކީ އާއްމުންނާއި ހިދުމަތް ހޯދާ ފަރާތްތަކުގެ ހިޔާލު ހޯދައިގެން ހިދުމަތް ރަނގަޅު ކުރުމެވެ.
އެ މަގުސަދުގައި އެމްޕީއެލް އިން މިހާރު ދަނީ އެމްޕީއެލްއިން ފޯރުކޮށްދެމުން ގެންދާ ހިދުމަތްތަކުގެ ފެންވަރު ދެނެގަންނަން ހާއްސަ ސާވޭއެއް ފަށާފަ އެވެ. އެކަމަަށްޓަކައި އެމްޕީއެލްއިން ވަނީ ސާވޭގައި ބައިވެރިވާން ހާއްސަ ކިއުއާރު ކޯޑެއް އާއްމުކޮށްފަ އެވެ. ބޭނުމަކީ ފަސޭހަކަމާއެކު ކިއުއާރު ކޯޑު ސްކޭން ކޮށްލައިގެން އެމްޕީއެލްގެ ހިދުމަތްތަކާމެދު ދޭން ބޭނުންވާ ހިޔާލެއް ހުށަހެޅުމެވެ.
ރާއްޖެއަށް ގެންނަ މުދާ ބޭލުމުގެ ފުރަތަމަ ބިންގާ އެޅިގެން ދިޔައި 1950 ގެ ކުރިން، މާލޭގެ ވިޔަފާރި ބަނދަރުގެ ހަރަކާތްތައް މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ބޭރުގައި އަޅާފައި ހުންނަ ބޯޓުފަހަރުން އަތުން މުދާ އުފުލުމާއި، ބޭލުމާއި އަދި ގުދަންކުރުމާ ހަމައިންނެވެ. އެއީ 1950 ގެ އަހަރުތަކު އެވެ. އެ ދުވަސްވަރު އުފެދުނު މޯލްޑިވިއަން ނެޝަނަލް ޓްރޭޑިންގ ކޯޕަރޭޝަން (އެންއެންޓީސީ) އާއި އޭގެ މަދު އަހަރުތަކެއް ފަހުން އުފެދުނު އޯކިޑް ކޮމްޕެނީ އާއެކު، ބަނދަރުގެ މަސައްކަތްތަކަށް މެޝިނަރީ ބޭނުންކުރުމާއި އޮޓޮމޭޝަންގެ އާ ފެށުމެއް އައެވެ. މީގެ ތެރޭގައި ބާޖު އޮޕަރޭޝަންތަކާއި، ޓަގް ބޯޓުފަހަރާއި، މުދާ އުފުލުމަށް ހާބަރު ކްރޭން ބޭނުންކުރަން ފެށުން ހިމެނެ އެވެ.
މި ދެ ކުންފުނި އުވާލުމަށްފަހު، ސަރުކާރުން ބަނދަރުގެ މަސައްކަތްތަކާ ހަވާލުވިއެވެ. އަދި 1983 ގައި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އުފެދުނެވެ. އަދި އޭގެފަހުން 1985 ވަނަ އަހަރުގެ "މާލޭ ކޮމާޝަލް ހާބަރ ޕްރޮޖެކްޓް" ގެ ދަށުން ބަނދަރު އާކޮށް ޒަމާނީ ކުރެވުނެވެ. މީގެ ތެރޭގައި ބަނދަރު ފުންކުރުމާއި، ބަނދަރުގެ އޮނިގަނޑު އަލުން ތަރުތީބުކުރުމާއި އާ ފާލަންތަކާއި އޮފީސް އިމާރާތްތަކާއި ކޮންޓޭނަރ ޓާމިނަލްތައް ބިނާކުރުން ހިމެނެ އެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން 1986 ގައި، ރާއްޖޭގެ ބަނދަރުތައް ހިންގާ ހަމައެކަނި ފަރާތުގެ ގޮތުގައި މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ) އުފެދުނެވެ. މިއީ މިހާރުގެ އެމްޕީއެލް އުފެދުމެވެ. މިގޮތުން އެމްޕީއޭ ވަނީ ޖުލައި 2008 ގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ނަމުގައި ކޯޕަރަޓައިޒް ކުރެވިފައެވެ. އެމްޕީއެލް އުފެއްދެވީ ރާއްޖޭގެ ބަނދަރުތައް ތަރައްގީކޮށް، ބަލަހައްޓައި އަދި ހިންގުމުގެ މެންޑޭޓާއެކު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ. މި ގަރާރުގެ ދަށުން، 15 ސެޕްޓެމްބަރު 1986 ގައި މާލޭގެ ވިޔަފާރި ބަނދަރު މިހާރުގެ "ޖުމްހޫރީ މައިދާން" އޮތް ސަރަހައްދުން މިހާރު އެ ބަނދަރު އޮތް ތަނަށް ބަދަލުކުރެވުނެވެ. މާލޭ ވިޔަފާރި ބަނދަރަށް އެންމެ ފުރަތަމަ އައި ކޮންޓޭނަރ އުފުލާ ބޯޓަކީ އެމް.ވީ ރުތުރިސް އެވެ. އެ ބޯޓު 10 ޖަނަވަރީ 1989 ގައި ރާއްޖެއަށް 38 ކޮންޓޭނަރ ބޭލި އެވެ. އެމްޕީއެލް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވުނީ 31 ޖުލައި 2008 ގައެވެ.