ޓީޖީއެސްޓީ ގޮތުގައި 10.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 8.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.3 ބިލިއަން ރުފިޔާ ނުވަތަ 15.1 އިންސައްތައިގެ އިތުރުވުމެކެވެ.

މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 11 ޕަސެންޓް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީގެ އެކުލަވާލާފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ތަކެއްޗާއި ހިޮދުމަތްތަކުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އިތުރުވުމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެފައި އެވެ.
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީ ވަނީ 36.9 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ، 2024 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 33.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.8 ބިލިއަން ރުފިޔާ ނުވަތަ 11.5 ޕަސެންޓްގެ އިތުރުވުމެކެވެ.
ފިސްކަލް ރިޕޯޓުގައިވާ ގޮތުން ޖުމްލަ ޓީޖީއެސްޓީ ގޮތުގައި 10.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 8.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.3 ބިލިއަން ރުފިޔާ ނުވަތަ 15.1 ޕަސެންޓްގެ އިތުރުވުމެކެވެ. ޖުމްލަ ގޮތެއްގައި ބަލާއިރު، ޖީ.އެސް.ޓީ ގެ ގޮތުގައި 15.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ބޮޑު ބައި ހިއްސާކުރަނީ ޓީޖީއެސްޓީ އެވެ.
އާމްދަނީގެ އިތުރު ބައިތަކަށް ބަލާއިރު، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 25.0 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 2.5 ބިލިއަން ރުފިޔާ އިތުރުވެ 27.5 ބިލިއަން ރުފިޔާއަށް (10.0 ޕަސެންޓް) އިތުރުވެފައިވާއިރު، ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 7.5 ބިލިއަން ރުފިޔާ އިން 9.1 ބިލިއަން ރުފިޔާއަށް (1.6 ބިލިއަން ރުފިޔާ؛ 21.2 ޕަސެންޓް) އިތުރުވެފައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ޖުމްލަ ހަރަދުތައް 38.9 ބިލިއަން ރުފިޔާ އަށް އަރަ އެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފްތާގައި ހަރަދުތައް އިތުރުވި މައިގަނޑު ސަބަބަކީ ދަރަނީގެ ހިދުމަތަށް ކުރެވުނު ހަރަދުތަކެވެ. ރިކަރަންޓް ހަރަދުތަކުގެ ތެރެއިން، މުހިންމު ޚަރަދެއް ކަމަށްވާ ސަބްސިޑީތަކަށް 3.4 ބިލިއަން ރުފިޔާ ހަރަދުކުރެވިފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރެވުނު 3.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 190.3 މިލިއަން ރުފިޔާ ނުވަތަ 5.3 ޕަސެންޓް ކުޑަ އަދަދެކެވެ.
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ޖުމްލަ 7.5 ބިލިއަން ރުފިޔާ ހަރަދުކުރެވިފައިވެ އެވެ. ޕީއެސްއައިޕީގެ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ބައި ހަރަދުކުރެވިފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށެވެ. އެގޮތުން، 4.4 ބިލިއަން ރުފިޔާ ހަރަދުކުރެވިފައިވާއިރު، އޭގެ ތެރޭގައި އެއާޕޯޓު ތަރައްގީކުރުމަށް 3.2 ބިލިއަން ރުފިޔާ އާއި ބްރިޖް ހެދުމަށް 870.3 މިލިއަން ރުފިޔާ ހިމެނެ އެވެ.
ސިއްހީ ދާއިރާއަށް ކުރެވުނު ޕީއެސްއައިޕީ ހަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 145.5 މިލިއަން ރުފިޔާއިން 453.1 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 307.7 މިލިއަން ރުފިޔާ ނުވަތަ 211.5 ޕަސެންޓްގެ އިތުރުވުމެކެވެ.
ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް 2.0 ބިލިއަން ރުފިޔާ އަށް ވަނީ ކުޑަވެފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކުރެވުނު 11.5 ބިލިއަން ރުފިޔާގެ ޑެފިސިޓަށްވުރެ 9.5 ބިލިއަން ރުފިޔާ ނުވަތަ 82.5 އިންސައްތަ ކުޑަ ޑެފިސިޓެކެވެ. ޕްރައިމަރީ ބެލެންސް 2.5 ބިލިއަން ރުފިޔާގެ ސަރަޕްލަސްއަކަށް ވަނީ ރަނގަޅުފައެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތުގައި ހުރި 6.9 ބިލިއަން ރުފިޔާގެ ޕްރައިމަރީ ޑެފިސިޓްއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.