ވީއައިއޭއިން އިއްޔެ ވަނީ 27،000 މީހުންނަށް ހިދުމަތް ދީފަ އެވެ. ރާއްޖެއިން ފުރާ 11,035 ފަސިންޖަރުންނާއި ރާއްޖެ އަންނަ 11,107 ފަސިންޖަރުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތާރީހުގައި އިއްޔެއަކީ އާދަޔާ ހިލާފަށް ބާރުބޮޑު ދުވަސް ވަރެކެވެ. މިނިވަން ދުވަހު ހުޅުވި އާ އިންޓަނޭޝަނަލް ޓާމިނަލްއާއެކު އެމްއޭސީއެލްއިން "ސްމޫތް" އޮޕަރޭޝެއްގައި ހިންގި އެއާޕޯޓް މީހުން ގިނަ ވެގެން އިއްޔެ ވަނީ ކޮށިއަރާފަ އެވެ. އެއް ސަބަބަކީ އެއާޕޯޓަށް ނުކަތާ ވަރަށް މީހުން އެތެރެވުމާއި ބޭރުވުމެވެ. ޓޫރިޒަމްގެ މައި ސީޒަނަށް މީހުން އަންނަން ފެށިއިރު މި އަހަރު ވެގެން ގޮސްފައިވަނީ އުމްރާގެ އަޅުކަމަށްވެސް ގިނަ ބަޔަކު ފުރި އަހަރަކަށެވެ. ހާއްސަކޮށް އިއްޔެއަކީ ގިނަ އަދަދެއްގެ އުމްރާ ފްލައިޓްތައް ވެސް ފުރި ދުވަހެވެ. ނަމަވެސް އެއާޕޯޓުގެ ލޯޑު މަތިވެ އެރައިވަލް ކޮށި އަރައިގެން ދިއުމުގައި ކުންފުނީގެ އޮޕަރޭޝަނަލް ގޯސްތަކެއް އުޅޭ ކަމަށް އިންޑަސްޓްރީގެ އިސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.
އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ އޮޕަރޭޝަނަލް ކަންތައްތަކުގައި ގޯސްތަކެއް އުޅޭ ކަމަށް އެންމެ ފާޅުކަން ބޮޑުކޮށް އިއްޔެ ވާހަކަ ދެއްކެވި އެއް ބޭފުޅަކީ ރާއްޖެއަށް ރަޝިއާ އިން ގިނަ އަދަދެއްގެ ޓޫރިސްޓުންގެ ގެންނަ ޓުއާއޮޕަރޭޓަރެއް ކަމަށްވާ ރިސޯޓް ލައިފްގެ ވެރިޔާ ޝާޒް ވަލީދު އެވެ.
ވަލީދު ވިދާޅުވެފައިވާ ގޮތުގައި އެއާޕޯޓް އައު ޓާމިނަލް ހިންގުމުގައި ދިމާވާ މައްސައަކީ ރޭވުން ތެރިކަން ކުޑަކަމާއި އެކު އެ ވަރަށް ތައްޔާރު ވެފައި ނެތުމުގެ ނަތީޖާ އެވެ. އެއާޕޯޓް ތޮއްޖެހެނީ އެހެންވެ އެވެ. އޭނާ ވިދާޅުވީ އައު ޓާރމިނަލްތައް ގިނަ ގައުމުތަކުގައި ހުޅުވާ ފަރިތަ ކުރުވަނީ އެންމެ މަދުން ދަތުރުފަތުރު ހިނގާ ދުވަސްތަކުގަ އެވެ.
ފުރިހަމަ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ވީއައިއޭ އާ ޓާމިނަލްއަކީ އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދޭން ތައްޔާރުކޮށްފައިވާ ތަނެކެވެ. އަދި ޓާމިނަލްއަކީ ދުވާލަކު 20،000 މީހުންނަށް ހިދުމަތް ދެވޭނެ ކެޕޭސިޓީގެ ތަނެކެވެ. ނަމަވެސް ވީއައިއޭއިން އިއްޔެ ވަނީ 27،000 މީހުންނަށް ހިދުމަތް ދީފަ އެވެ. އެއާޕޯޓުގެ ލޯޑު އިތުރުވުމުގެ ނަތީޖާއަކީ އޮފްގައި ތިބ ބައެއް މުވައްޒަފުންވެސް އިއްޔެ ނެރެ ހިދުމަތް ދިނުމެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި އެއާޕޯޓަށް އިއްޔެ ވަނީ 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފަ އެވެ. މިއީ މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުންނަށް އެއް ދުވަހެއްގައި ހިދުމަތް ދޭނެ ދެވަނަ ދުވަހެވެ. އެގޮތުން ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން މިއަދު 22,142 ފަސިންޖަރުންނަށް ހިދުމަތް ދޭނެއެވެ. އެއީ ރާއްޖެއިން ފުރާ 11,035 ފަސިންޖަރުންނާއި ރާއްޖެ އަންނަ 11,107 ފަސިންޖަރުންނެވެ. ޑޮމެސްޓިކް ޓާމިނަލުން މިއަދު ޖުމުލަ 4,843 ފަސިންޖަރުންނަށް ހިދުމަތް ދޭނެއެވެ. އެއީ މާލެއިން ފުރާ 2,652 ފަސިންޖަރުންނާއި މާލެ އަންނަ 2,191 ފަސިންޖަރުންނެވެ.
މީގެ އިތުރުން މިއަދު 239 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑް ކުރެވޭނެ އެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވި ގޮތުގައި މިއަދަކީ އެއާޕޯޓުގެ ތާރީހުގައިވެސް އެންމެ ބާރު ބޮޑު އެއް ދުވަސް ކަމަށާ ކިއުތަކުގައި ފަސިންޖަރުން ތިބެންޖެހޭ ވަގުތު އިތުރުވުން ކުޑަކޮށް, ހިދުމަތް އަވަސް ކުރުމަށްވެސް ޕްލޭންތައް ރާވައިގެން ކުރިއަށް ގެންދި އެވެ. އަދި އެއާޕޯޓަށް ބާރު ބޮޑުވި ނަމަވެސް ފަސިންޖަރުންނަށް އާ ޓާމިނަލުން ލިބޭ ތަޖުރިބާ ރަނގަޅުވުމަކީ ލިބޭ އުފަލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

ވެލާނާ އިންޓްނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ ކިއު މަދުކުރުމަށްޓަކައި އީގޭޓް ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން އެރައިވަލް އަދި ޑިޕާޗާ ޓާމިނަލް ހިމެނޭގޮތަށް، ކޮންމެ ޓާމިނަލެއްގައި 10 ގޭޓް ހަރުކުރަން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެެވެ.
ރައީސް ވިދާޅުވީ މި ފަދަ އީގޭޓްތަކާއެކު، ވައިގެބަނދަރު ބޭނުންކުރާ ދިވެހިންނާއި ފަތުރުވެރިން ބޯޑާ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަން ޖެހޭޖެހުން ނިމުމަކަށް ގެނެވޭނެ ކަމަށެވެ. އަދި މި ގޭޓްތަކުން، އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ، ފޭޝަލް ރެކޮގްނިޝަންގެ ޒަރީއާއިންކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.