މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ގދ. ތިނަދޫ، ގޯލްޑަން ހައުސް، މުހައްމަދު އާދިލް، 57 އާއި ހއ. ހޯރަފުށި، އާފިޔާ، އަހުމަދު އަލީ، 47، އެވެ.

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.
ކަނޑުމަގުން ރާއްޖެ އެތެރެކުރި މި ފުޅިތަކުގައި 30 މިލިއަން ރުފިޔާއަށް އަގުއަރާ ހަޝިޝް އޮއިލް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަސްޓަމްސްއިން ވަނީ އަތުލައިގެންފަ އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ގދ. ތިނަދޫ، ގޯލްޑަން ހައުސް، މުހައްމަދު އާދިލް، 57 އާއި ހއ. ހޯރަފުށި، އާފިޔާ، އަހުމަދު އަލީ، 47، އެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތަހުގީގުގެ ބޭނުމަށް ފަސް ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކަސްޓަމްސްއިން ބުނެފައި ވަނީ ޗޮކްލެޓް ސިރަޕް ފުޅިތަކުގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ހަޝިޝް އޮއިލްގެ ބަރުދަން 40 ކިލޯއަށް އަރާ ކަމަށެވެ. އެގޮތުން ކޮންމެ ފުޅިއެއްގައި 1.10 އާއި 1.14 މިލިލީޓަރާ ދެމެދުގެ މިންވަރަށް ހަޝިޝް އޮއިލް އެތެރެކޮށްފައިވެ އެވެ.
ހަޝިޝް އޮއިލްއަކީ ކެނެބިސްގެ ބާވަތަކަށްވާއިރު، އެއީ ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ޖަދުވަލު އެކެއްގައި ހިމެނޭ ބާވަތުގެ މަސްތުވާއެއްޗެކެވެ. ކެނެބިސްގެ 350 ގްރާމަށްވުރެ ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ކަނޑައެޅޭނެ އެވެ.