އައިއެސްގެ އިސް މީހެއް ކަމަށް ބުނާ ހޫދު 23 އަހަރަށް ޖަލަށް

ހޫދަކީ ދިވެހި ފުލުހުންގެ ހިދުމަތާއި ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖެނުވަރީ، 2022 ގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހެކެވެ.

އައިއެސްގެ އިސް މީހެއް ކަމަށްވާ ހޫދު: އޭނާ 23 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައި --

ހަރުކަށި ފިކުރު ފަތުރާ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނިއްބަތްވާ ކަމަށް ބުނާ ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ، 23 އަހަރަށް ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ހޫދަކީ ދިވެހި ފުލުހުންގެ ހިދުމަތާއި ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖެނުވަރީ، 2022 ގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހެކެވެ.

ހޫދުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ފަސް ދައުވާއެއް އުފުލާފަ އެވެ. އެއީ އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ހިތްވަރުދިނުމުގެ ކުށުގެ ދައުވާ އާއި އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމާއި ކުރެހުމާ ފޮޓޯ ގެންގުޅުމުގެ ދައުވާ އެވެ. 

މި މައްސަލައިގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފައިވާއިރު، އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ ތިން ދައުވާ އެވެ. ސާބިތު ނުވާ ކަމަށް ކަނޑައަޅާފައި ވަނީ އިންޓަނެޓް މެދުވެރިކޮށް ކުށް ހިންގި ކަމަށް ބުނާ ދެ ދައުވާ އެވެ.

ސާބިތުވާ ކަމަށް ކަނޑައެޅީ؛

  •  ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުން - 15 އަހަރަށް ޖަލަށްލުން
  •  ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން - ފަސް އަހަރަށް ޖަލަށްލުން
  •  ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމާއި، ކުރެހުމާއި، ފޮޓޯ ގެންގުޅުން - ތިން އަހަރަށް ޖަލަށްލުން
ހޫދަކީ ކާކު؟ ހޫދަކީ އައިއެސް ޖަމާއަތުގެ ހަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރާ މީހެއް ކަމަށް ދައުލަތުން ބުނެ އެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި އެކައުންޓްތަކުން އައިއެސް ޖަމާއަތައް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ، އިންޓަނެޓް މެދުވެރިކޮށް ފަތުރައި ޝާއިއުކޮށް އަދި ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެ ކަމުގެ އިންޒާރު ދެމުންދާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ.

އެގޮތުން ޓެލެގްރާމް އަދި އެނޫންވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތަކުގައި "ސްކާމިޝް" އާއި "ސްކާމިޝްކިޑް" ފަދަ ނަންނަމުގައި އެކައުންޓްތައް ހަދައިގެން ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވެ އެވެ.

ހޫދު ހައްޔަރު ކުރީ ޖެނުވަރީ 4، 2022ގަ އެވެ. މި މައްސަލައިގެ ތަހުގީގަށް ބޭރުގެ އެކި ގައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި، ތަހުގީގީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވާ ކަމަށް ދައުލަތުން ކުރިން ބުނެފައިވެ އެވެ. އެގޮތުން އެފްބީއައިގެ އިތުރުން އިޓަލީ ފުލުހުންނާއި ޔޫރަޕުގެ އެހެން ގައުމެއްގެ ފުލުހުން މި އޮޕަރޭޝަނުގައި ބައިވެރި ވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.