މިނިސްޓަރު މުއްތަލިބު ވިދާޅުވީ އުންމީދަކީ މި އަހަރުގެ ބަޖެޓުން އެއް ބިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރުމެވެ.

ލުއި ފަސޭހަ ސިފަތަކެއް ހިމަނައިގެން ބޭންކިން ނިޒާމުގެ ތެރެއިން ދޫކުރާ، ހިޔާވަހި ފައިނޭންސިން ސްކީމްގެ ދަށުން މިހާތަނަށް 700 އަށްވުރެ ގިނަ މީހުންނަށް 821 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ހައުސިން މިނިސްޓްރީގެ މަސައްކަތުގެ މައުލޫމާތު ހިއްސާ ކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ ހިޔާވަހި ފައިނޭންސިން ސްކީމަށް 2،256 އެޕްލިކޭޝަން ވަނީ ލިބިފަ އެވެ.
މިނިސްޓަރު ވިދާޅުވީ މި ފައިނޭންސިންއަކީ ސަރުކާރުން ދޭ ލޯނެއް ނޫން ކަމަށާ މިއީ ބޭންކުން ދޭ ލޯނެކެވެ. ސަރުކާރުން ކޮށްދިން ކަމަކީ ރިޔާސީ ވައުދާ އެއްގޮތަށް 12 ޕަސެންޓުގައި ހުރި އިންޓްރެސް ފަސް ޕަސެންޓަށް ކުޑަކޮށްދީ ރަހުނު ލުއިކޮށް ދިނުމެވެ. ނަމަވެސް މި ލޯނު ދޭނީ ބޭންކުގެ ނިޒާމުގެ ތެރެއިން ބަލަން ޖެހޭ ބެލުންތަކެއް ބެލުމަށްފަހުކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އުންމީދަކީ އެއް ބިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސަރުކާރުން މިކޮށްދޭ ކަމަކީ ފަސޭހަކޮށް ދިން. ބޭންކުން އާއްމުކޮށް 20 ޕަސެންޓާއި 30 ޕަސެންޓުގެ އިކުއިޓީއެއް ނަގާ. ނަމަވެސް މިހާރު ބޭންކުން އެއް މިިލިއަނުގެ އެއްވެސް އިކުއިޓީއެއް ނުނަގާނެ. ސަރުކާރުން ސަބްސިޑައިޒްކޮށްގެން އަގު ހެޔޮކޮށްގެން މި ދެނީ. ނަމަވެސް ކުރިން ލޯނު ނަގާފަ ނުދައްކާ ޑިފޯލްޓްވެފައި ތިބި މީހުންނަށް ބޭންކުން ލޯނެއް ނުދޭނެ،" މުއްތަލިބު ވިދާޅުވި އެވެ.